05 Sep 2013, 10:55
ހއ. އިހަވަންދޫން: އަހުމަދު އާޒިފު
ޕީޕީއެމްގެ ފަސް އަހަރުގެ ވެރިކަން ނިމޭ އިރު ހއ. އިހަވަންދޫ ސަރަހައްދުގައި އެއާޕޯޓެއް އަޅާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހއ. އިހަވަންދޫ ޕީޕީއެމް ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު އެމްޑީއޭ އާއި ޕީޕީއެމްގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވީ އެއާޕޯޓު އެޅުމުގެ އިތުރުން އިހަވަންދޫ ސަރަހައްދުގައި ޓްރާންސްޝިޕް ބަނދަރެއް ވެސް ހައްދަވައިދެއްވާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ރިސޯޓު ހަދަން ރަށްތައް ދޫކުރިތާ ގިނަ އަހަރުތަކެއް ވެގެންދިޔަ އިރު ވެސް ބައެއް ރަށްތަކުގެ މަސައްކަތް ނިމިފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ސަރުކާރެއްގައި އެ މަސައްކަތް އަވަހަށް ނިންމުމަށް ޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރިސޯޓު ހެދުމަށް ރަށްތައް ހަވާލުކޮށްފައިވާ ފަރާތްތަކަށް އެކަން ނުކުރެވޭ ނަމަ ގާނޫނަށް ބަދަލުގެނެސްގެން އެހެން ބަޔަކާ ހަވާލުކޮށްގެން އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ނާއިބް ލީޑަރު އަލީ މައުރޫފް ވިދާޅުވީ ރައްޔިތުން ބަރުދާސްތު ކުރަންޖެހިފައި ވަނީ ހިތާމަޔާއި މޮޅިވެރިކަން ކަމަށާއި އެކަން ނައްތާލުމަށް ގައުމުގެ ހާލަތު ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ޓަކައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ރާއްޖޭގެ ވެރިކަމަށް ގެންނަން ޖެހޭ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.