21 Nov 2010, 11:05
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމަގެ ޖަލްސާ އަށް ވެސް އެޖެންޑާކޮށްފި އެވެ.
އީދު ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އެޖެންޑާކޮށްފައި މި ވަނީ، އެ މައްސަލައާ މެދު މަޖިލީހުގައި ހިމެނޭ ބޮޑު ދެ ޕާޓީގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ ނިޒާމު ގެއްލި، ޖަލްސާ ކުރިއަށް ނުގެންދެވުމުގެ ސަބަބުން ޕާޓީތަކާ އެކު މަޝްވަރާ ކުރެއްވުމަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ އެތައް ޖަލްސާއެއް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މެދުކަނޑުއްވައިލުމަށް ފަހުގަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވާއިރު އެ މައްސަލައާ ބެހޭ ގޮތުން ބޮޑު ދެ ޕާޓީގެ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ވެސް ވިދާޅުވީ އެ މައްސަލައިގައި ދެ ޕާޓީން ކޮށްފައިވާ މަޝްވަރާތަކާ މެދު ކޮމެންޓެއް ދެއްވެން ނެތް ކަމަށެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލާއާ މެދު ގޮތެއް ނިންމާފައި ނޫނީ އެހެން މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރަން ބޭނުން ނުވާ ކަމަށް އިދިކޮޅު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އިބުތިދާއީ ބަހުސްގައި، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ހަޅުތާލު ކުރުމުގެ ބިލާއި، މާވަށު ދާއިރާގެ މެންބަރު އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ސަރުކާރަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ ބިލާއި އެކައުންޓުގައި ފައިސާނެތި ޗެކް ދޫކުރުން މަނާ ކުރުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ޕަބްލިކް އެންޓާ ޕްރައިޒަސް ކޮމިޝަންގެ ބިލުގެ ބަހުސް ވެސް މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.