އެމެރިކާ ގެންދަނީ ސޫރިޔާ އަށް ޙަމަލާދިނުމަށް ޢަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކްގޮތުން ތައްޔާރުވަމުންނެވެ. މިކަމަށްޓަކައި ކޮންގްރެސްގެ ރުހުން ހޯދުމަށް އޮބާމާ ކުރައްވާ މަސައްކަތަށް ކޮންގްރެސްގެ ދެގޭގެވެސް ގިނަ މެންބަރުންގެ ތާއީދުއޮތްކަން މިހާރު ހާމަވެފައިވާތީ އާއި ސޫރިޔާ އަށް'ލިމިޑެޓް' ޙަމަލާތަކެއް ދިނުމަށް ސެނެޓްގެ ޚާރިޖީ ގުޅުންތަކާބެހޭ ސަބްކޮމިޓީގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާތީ ސޫރިޔާ އަށް'ލިމިޑެޓް' ޙަމަލާ ތަކެއް ދިނުމުގެ ހުއްދަދޭ ޤަރާރެއް ކުރިޔަށްއޮތް ދެތިން ދުވަހުގެ ތެރޭގައި ކޮންގްރެސްއިން ފާސްކުރާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ ހުއްދައަކާނުލައި އެމެރިކާ ސޫރިޔާ އަށް ޙަމަލާދިނުން ވާނީ އދ.ގެ ޗާޓަރުން ބޭރު އަދި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އުދުވާނީ ޢަމަލެއް ކަމަށް ޤާނޫނީ ތަޖްރިބާކާރުން ވިދާޅުވެ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް ވަނީ މިކަމަށް އިޝާރާތްކުރައްވާފަ އެވެ. ޗައިނާއާއި ރަޝިޔާގެ ދެކޮޅުހެދުންތަކުގެ ސަބަބުން މިކަމާ ބެހޭ ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫނެވެ.

އޮބާމާގެ ބަޔާންތަކާއި އެމެރިކާގެ އިސްމަސްއޫލުވެރިންގެ ވާހަކަތަކުން އެނގޭގޮތުގައި އެމެރިކާ، ސޫރިޔާއަށް ދިނުމަށް ތައްޔާރުވާ 'ލިމިޑެޓް' ޙަމަލާތަކުގެ އަމާޒަކީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުބަލިކަށިކޮށްލުމެވެ. މީގެމާނައަކީ ސޫރިޔާ ސިފައިންގެ ޢަސްކަރީ ބާރުކުޑަކޮށް ސިފައިން ބަލިކޮށިކޮށްލުމެވެ. ސޫރިޔާއަށް އެއްގަމުން އަރައި ހަނގުރާމަ ފެށުމެއްނޫނެވެ. އަދި ސއަދި ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމެއްވެސް ނޫނެވެ. މިގޮތުން ސޫރިޔާއަށް އެމެރިކާދޭ 'ލިމިޑެޓް' ޙަމަލާތަކުގެ މައިގަނޑު އަމާޒަކަށްވާނީ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ނައްތާލުމެވެ. ނުވަތަ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް އެމެރިކާއާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށަށް ދިޔުން ހުއްޓުވޭނެގޮތް ހެދުމާއި މިހަތިޔާރުގެ ބޭނުން ސޫރިޔާ ސިފައިންނަށްވެސް ނުކުރެވޭނެ ގޮތްހެދުމެވެ. އަނެއްކަމަކީ ސޫރިޔާގައިވާ ދުރުރާސްތާއާއި މެދުރާސްތާގެ ބެލަސްޓިކް މިސައިލްތަކާއި ސޫރިޔާގެ ވައިގެ ސިފައިންގެ ޢަސްކަރީ ފައިޓަރޖެޓް މަތިންދާބޯޓުތަކާއި ވައިގެ ދިފާޢީ ނިޒާމްތަކަށް ބޮންއަޅައިގެންނާއި ކުރޫޒްމިސައިލުން ޙަމަލާދީ އެތަކެތި ހަލާކުކޮށްލުމެވެ.

ނަމަވެސް ސުވާލަކީ ސޫރިޔާއަށް އެއްގަމުމަގުން އަރައި ހަނގުރާމަކޮށްގެންނޫނީ މިމަޤްސަދު އެމެރިކާއަށް ޙާސިލްވެދާނެ ހެއްޔެވެ؟

ޢަސްކަރީ ރިޕޯޓްތައް ބުނާގޮތުން ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ހުރީ ބިމުގެ އަޑީގެ ވަރަށްފުނުގައި ކޮންކްރީޓުން ހަދާފައިވާ ވަރަށް ވަރުގަދަ މަރުކަޒުތަކެއްގައި އެކަތައިގެ ކޮންޓޭނަރ ތަކެއްގައެވެ. މިތަކެތި ހުރިކަމަށްވަނީވެސް އެންމެތަނެއްގައެއް ނޫނެވެ. އެކިތަންތަނުގައެވެ. އެހެންކަމުން ހުރިހާތަކަށް އެއްފަހަރާ ޙަމަލާދިނުމަކީ އެމެރިކާ ސިފައިންނަށްވެސް ކާމިޔާބުކަމާއެކު ކުރަން ވަރަށް ދަތިކަމަކަށް ވެގެންދާނެއެވެ.އަނެއްކޮޅުން ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ރައްކާކޮށްފައިވާ ގޮތުން އެތަކެތި ހުރިތަންތަންވެސް ކަށަވަރުގޮތެއްގައި ސެޓަލައިޓްގެ އެހީގައިވެސް ދެނެގަތުމަކީ ފަސޭހަކަމެއްނޫން ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

ސޫރިޔާއާބެހޭ ދިރާސާތައް ބުނާގޮތުން އެގައުމުގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ރައްކާކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީ ހިސާބުތަކުގެ ބިމުއަޑީގައެވެ. މިކަމުގެ ބޭނުމަކީ މިތަކެތި ހަލާކުކޮށްލުމަށް ދޭ ޙަމަލާތަކުގެ ޝިކާރައަކަށް އާންމު ރައްޔިތުން ވެގެންދާނެތީ ޙަމަލާދޭން ރާވާފަރާތްތަކުން މިކަންކުރުމަށް ޖެހިލުންވާގޮތް ހެދުމެވެ.
ފަރުބަދަތަކުގެ އަޑީގައިވާ ތަންތަނާއި ބިމުއަޑީގައިވާ ބަންކަރުތައް ހަލާކުކުރުމަށް އެމެރިކާ ވަނީ ވަރަށް ކުރީއްސުރެ މިކަމަށް ޚާއްސަ އެކިބާވަތުގެ މިސައިލް ވޯހެޑް ތަރައްޤީކުރަންފަށާފައެވެ. މިބާވަތުގެ ވޯހެޑްތައް އުފައްދަނީ ހަމަލާދިނުމުން އޭގެއަސަރު ދުރު ހިސާބުތަކަށް ނުފޯރާފަދަ ޓެކްނޮލޮޖީއެއްބޭނުންކޮށްގެން ކަމަށްވެއެވެ.

ކިނޮޓިކް އެނާޖީ ގެ މައްޗަށް ބިނާވެފައިވާ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމެރިކާ އުފައްދާފައިވާ އެކިވައްތަރުގެ ވޯހެޑްތަކަކީ އެއިން ޙަމަލާދިނުމުން އޭގެއަސަރު މާދުރަށް ނުފޯރިނަމަވެސް އޭގެ ހޫނުކަން އިންތިހާއަށް (1200 ޑިގްރީ ސެލްސިޔަސް އާއި 1500 ޑިގްރީ ސެލްސިޔަސް އާ ދެމެދުގެ މިންވަރަކަށް) މައްޗަށްދާ ވޯހެޑް ތަކެއްކަމަށް ވެއެވެ. ސޫރިޔާގެ ކެމިކަލް ހަތިޔާރުތައް ހަލާކުކޮށްލުމަށް މިފަދަ ހަތިޔާރު ބޭނުންކޮށްފިނަމަ އެއިން އުފެދޭ އާދަޔާޚިލާފު ހޫނުގެ ސަބަބުން ސޫރިޔާގެ އާންމުންގެ ގިނަބަޔަކު މަރުވެގެންދާނެތީ މިއީ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ނައްތާލުމަށް ބޭނުންކުރެވޭނެ ބާވަތުގެ ހަތިޔާރެއްނޫން ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އަނެއްކޮޅުން ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކަށް ދޭ ޙަމަލާތަކުގެ ސަބަބުން އެހަތިޔާރުތައް ރައްކާކޮށްފައިވާ އެކަތައިގެ ކޮންޓޭނަރުތައް ހަލާކުވެ އެއިން ކެމިކަލް ގޭސްތައް ލީކުވުމަކީވެސް ގިނައަދަދަކަށް މީހުން މަރުވެގެންދާނެ ކަމެއް ކަމަށްވާތީ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ނައްތާލުމަކީ 'ލިމިޑެޓް' ޙަމަލާ ތަކެއްދީގެން އެމެރިކާއަށް ކުރެވޭނެ ކަމެއްނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ.

މިކަން މިގޮތަށްއޮތްއިރު އޮބާމާގެ ކުރިމަތީގައި ދެންއޮތީ 'ލިމިޑެޓް' ޙަމަލާ ތަކެއްދީގެން ސޫރިޔާގައިވާ ދުރުރާސްތާއާއި މެދުރާސްތާގެ ބެލަސްޓިކް މިސައިލްތަކާއި އެގައުމުގެ ވައިގެ ސިފައިންގެ ޢަސްކަރީ ފައިޓަރޖެޓް މަތިންދާބޯޓުތަކާއި ވައިގެ ދިފާޢީ ނިޒާމްތައް ހަލާކުކޮށްލުމެވެ. އެމެރިކާ ސިފައިން ސޫރިޔާއަށް ޙަމަލާދޭނީ މައިގަނޑު ގޮތެއްގައި ކްރޫޒް މިސައިލާއި ޢަސްކަރީ ފައިޓަރޖެޓް މަތިންދާބޯޓްތަކުން ކަމަށްވަނީ ބެލެވިފައެވެ. މިތަކެތި ބޭނުންކޮށްގެން ސޫރިޔާއަށް ކާމިޔާބު ގޮތެއްގައި ހަމަލާތަކެއް ދެވިއްޖެނަމަ ސޫރިޔާ ސިފައިންގެ ބަރުހަތިޔާރުތަކާއި ޢަސްކަރީ ބޭސްތައް ހަލާކުކޮށް ބައްޝާރުގެ ސިފައިން ބަލިކަށިކޮށްލުމުގައި އޮބާމާއަށް ކާމިޔާބީތަކެއް ލިބިދާނެއެވެ.ނަމަވެސް މިކަމުގައިވެސް އެމެރިކާ ސިފައިންނަށް ދަތިތަކެއް ހުރިކަން ޢަސްކަރީ ތަޖްރިބާކާރުން ފާހަގަކުރައްވައެވެ. (މީޑިޔާ ރިޕޯޓްތައް)