05 Sep 2013, 09:43
ބަޣްދާދު (ސެޕްޓެމްބަރ 5): ބަޣްދާދުގެ ދެކުނުގައިވާ "ލަތީފާ" އަވަށަށް ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ބަޔަކު ޙަމަލާދީ ޢިރާޤުގެ އެއްޢާއިލާއަކުން 16 މީހުން މަރާލައިފި އެވެ.
ޢިރާޤުގެ އަމަނާ ބެހޭ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި "ލަތީފާ" އަވަށުގެ އެއް ޢާއިލާއަކުން 16 މީހުން މަރާލާފައި ވަނީ އެ އާއިލާ ދިރިއުޅޭ ދެ ގެއަށް ހަތިޔާރުއެޅި ބަޔަކު އިއްޔެ ރޭގެ ވަގުތެއްގައި ވަދެ ޢާއިލާގެ އެންމެން ނިދާފައިތިއްބައި އެ މީހުންނަށް ބަޑިން ޙަމަލާދީގެންނާއި ގޮވާތަކެތި ހަރުކޮށްގެން އެ ދެގެ ގޮއްވާލައިގެންނެވެ. މިޙަމަލާތަކުން ސަލާމަތްވި ކަމަށްވަނީ އެޢާއިލާގެ އެންމެ އަންހެން ކުއްޖެކެވެ. ޢިރާޤު ފުލުހުން ވަނީ ޙަނީން ނަމަކަށް މިޔާ އެ އަންހެންކުއްޖާ ޒަޚަމްވެފައި ވަނިކޮށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ހޮސްޕިޓަލުގައި އޮވެ އެއަންހެންކުއްޖާ ރޮއިޓާސް އަށް މަޢްލޫމާތު ދިން ގޮތުގައި އޭނާގެ ބައްޕައާއި މަންމައާ އެކު ޢާއިލާ ދިރިއުޅޭ ގެއަށް ބަޑިހިފައިގެންތިބި ހަނގުރާމަވެރިންގެ ބަޔަކު އިއްޔެ ރޭ ވަދެ ފުރަތަމަ ބަޑިޖެހީ ބައްޕަގެ ބޮލަށެވެ. "ބައްޕަގެ ބޮލަށް ހަތަރު ފަހަރު ބަޑިން ހަމަލާދީ ބައްޕަ މަރާލުމަށް ފަހު މަންމަ އާއި ކޮށްކޮމެންނާއި ބޭބެމެން ބޮލަށް ބަޑިޖެހުމަށް ފަހު އަހަރެންގެ ގަޔަށް ބަޑިޖަހަން ފެށުމުން ގޭގެ ފަހަތު ދޮރުން އަހަރެން އަވަހަށް ފިލީ. އެއަށް ފަހު އަހަރެން ހޭވެރިކަން ވީ އިރު ފުލުހުން ވަނީ އަހަރެން ހޮސްޕިޓަލަށް ގެންގޮސް އެނދުމަތިކޮށްފައި،" ޙަނީން ރޮއިޓާސް އަށް ދިން މަޢްލޫމާތުގައި ބުނެފައިވެ އެވެ.
ބަޣްދާދުގެ ދެކުނުން 40 ކިލޯ މީޓަރު ދުރުގައިވާ "ލަތީފާ" އަވަށުގެ އެއް ޢާއިލާއަކުން 16 މީހުން މަރާލާފައިވާ އިރު އޭގެ ތެރޭގައި ފަސް އަންހެނުންނާއި ހަ ކުޑަކުދިންގެ އިތުރުން ފަސް ފިރިހެނުން ހިމެނޭ ކަމަށް ޢިރާޤު ފުލުހުން ބުނެ އެވެ.
މިއީ ޢިރާޤުގައި ކޮންމެ ދުވަހަކު ހިންގަމުންގެންދާ މީހުން މެރުމާއި ބަދަލުހިފުމުގެ ޖަރީމާތަކުގެ ތެރޭން އެއްޖަރީމާ އެވެ. މިފަދަ ޖަރީމާތަކުގައި މިދިޔަ އޮގަސްޓް މަހު އެކަނި ވެސް ހާހަކަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ޢިރާޤުގެ ދާޚިލީ ވުޒާރާއިން ބުނެ އެވެ. ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި މިދިޔަ އަންގާރަ ދުވަހު ހިންގި ބޮންގޮއްވުމާއި އަމިއްލައަށް މަރުވެގެން ދިން ޙަމަލާތަކުގައި ވެސް 60 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. ބޮންގޮއްވުމުގެ ޙަމަލާތައް ދީފައި ވަނީ ބަޣްދާދުގައި ޝިޔަޢީން ދިރިއުޅޭ ސަރަހައްދުތަކާއި އަވަށްތަކުގައި ކަމަށް ޚަބަރުލިބެ އެވެ.
ދެ ހާސް ތިން ވަނަ އަހަރު ޢިރާޤަށް އެމެރިކާ ސިފައިން އެރުމަށް ފަހު އެގައުމުގައި ވަނީ ސުންނީންނާއި ޝިޔަޢީންގެ މެދުގައި ކުރިޔަށްވުރެވެސް ބޮޑު އަދި ފަނާކުރަނިވި ފިތްނަވެރިކަމެއް އުފެދިފަ އެވެ. ސައްދާމް ޙުސައިންގެ ވެރިކަމުގައި ޝިޔަޢީން ނިކަމެތިކޮށް އެމީހުންނާ ދެކޮޅަށް އެތައް އަހަރެއްވަންދެން ފުޅާދާއިރާއެއްގައި އަނިޔާވެރި އަމަލުތައް ހިންގާފައިވާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުން ޝިޔަޢީ ލީޑަރުން އިސްކޮށް ތިބެގެންވަނީ އެމެރިކާ ސިފައިން ޢިރާޤަށް އަރުވައި ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލައި އެމެރިކާ ސިފައިން ލައްވައި ޢިރާޤަށް ބޮންއަޅުވައި އެތަށް ލައްކަބަޔަކު މަރައި އެގައުމުގެ ބޮޑުބައެއް ތަޅައި ސުންނާފަތިކޮށްފަ އެވެ.
އަދި އެމެރިކާގެ އެހީގައި ޢިރާޤުގައި އުފެއްދި ޝިޔަޢީންގެ އަޣްލަބިއްޔަތު އޮންނަ ސަރުކާރުތަކުން އެމެރިކާ ސިފައިންނާ ގުޅިގެން ސުންނީންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކުގައި ޢިރާޤުގެ ސުންނީންގެ ގިނަ ބަޔަކު ވަނީ ފަނާވެގެންގޮސްފަ އެވެ. މިއާ އެކު އަލްޤާއިދާއާއި އެނޫން ވެސް އެކިޖަމާއަތްތަކުގެ ނަމުގައި ބަދަލު ހިފުމުގެ ވަރުގަދަ ރޫހެއްގައި ސުންނީ ޒުވާނުން ގެންދަނީ އަމިއްލައަށް މަރުވެގެންނާއި ކާރުބޮމުން ޙަމަލާދީ ޝިޔަޢީންގެ ދުވަސް ދުއްވާލުމަށް ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ. ސުންނީންގެ ހަރުކަށި ޖަމާއަތްތަކުން ހިންގަމުން ގެންދާ މިޖަރީމާތަކުގައި އެމެރިކާ ސިފައިން ޢިރާޤުގައި މެރި މީހުންނަށްވުރެ ގިނަ މީހުން މިހާތަނަށް މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)