ހަތަރު ރަށެއްގައި ޕީޕީއެމްގެ ކެމްޕޭން ޖަގަހަތަކެއް ހުޅުވައިފި އެވެ.

ރ. މަޑުއްވަރީ އާއި އެ އަތޮޅު އިނގުރައިދޫ އާއި ނ. މާޅެންދޫގެ އިތުރުން ހއ. އިހަވަންދޫގައި ޕީޕީއެމްގެ ކެމްޕޭން ޖަގަހަ އިއްޔެ ހުޅުއްވައި ދެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މަޑުއްވަރީ ޖަހަގަހަ ހުޅުވާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އިނގުރައިދޫ އާއި މާޅެންދޫ ޖަގަހަ ހުޅުވާފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. އިހަވަންދޫ ޖަގަހަ ހުޅުވާފައި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތު އެވެ.

މަޑުއްވަރީ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަޑުއްވަރީން 70 ޕަސެންޓް ވޯޓު ޕީޕީއެމް އަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޔާމީން ވިދާޅުވީ އޭނާ ވަޑައިގަންނަވާ ކޮންމެ ރަށަކުން ފެނިގެންދަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އޮންނަ ތާއީދު ކަމަށާއި 2008 ވަނަ އަހަރަށް ފަހު މައުމޫނަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ޕީޕީއެމްގެ ޒުވާނުންގެ މެނިފެސްޓޯއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ޒުވާނުންގެ ކުރިމަގަށް މަސައްކަތްކުރާ މީހުންގެ ޚިޔާލު ހޯއްދެވުމަށް ފަހު ކަމަށެވެ.

އިނގުރައިދޫ ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެންމެ އިސްކަމެއްދީގެން އިނގުރައިދޫ ބަނދަރު ހައްދަވަނާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޔާމީންގެ އިތުރުން އެމްޑީއޭގެ ނާއިބް ލީޑަރު އަލީ މައުރޫފު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މައުރޫފު ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނަކީ ހުސްވައުދުވާނެ ބައެއް ނޫން ކަމަށާއި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާއި ރަނިންމޭޓުންނާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދާ ހުރި ތަފާތު ރިޔާސީ ބަހުސްތަކުން އެނގިގެން ހިނގައްޖެ ކަމަށެވެ.

ރާއްޖޭގައި ފުރިހަމަ އިގްތިސޯދެއް ބިނާކުރެވޭނީ އަބްދުﷲ ޔާމީނާއި ޑރ. ޖަމީލާ ވެރިކަން ހަވާލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާޅެންދޫ ޖަގަހަ ހުޅުވުމަށް ފަހު އެ ޖަގަހައިގައި ޖަލްސާ ކުރިއަށް ދިޔަ ވަގުތު އެމްޑީޕީގެ ސަޕޯޓަރުން ވަނީ އަޑުގަދަކުރާ ބޭނުންކޮށްގެން އެ ޖަލްސާ އަށް ހުރަސްއަޅަން މަސައްކަތްކޮށްފަ އެވެ.

އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި އެ ތިން ރަށުގެ އިތުރުން ރ. ފައިނަށާއި ނ. ކެނދިކުޅުދޫގެ އިތުރުން ހއ. ހޯރަފުއްޓަށް ވެސް ޔާމީން ވަނީ ވަޑައިގެންފަ އެވެ.