04 Sep 2013, 23:18
(01 ސެމްޓެމްބަރގެ އަދަދާއި ގުޅޭ)
ކުށްވެރިން ކުށް ކުރަނީ ހިތުން ވަރަށް ސިއްރުންނެވެ. އަދި އެހާ ސިއްރުން އެމީހުން ކުރާ ވަށްކަން ފަޅައެއް ނާރާނެއެވެ. އެކަމަކު އެފަދަ ކޮންމެ ވަށްކަމަކާއެކު ނޭނގުމުގެ ތެރޭގައި ނަމަވެސް ކޮންމެވެސް ނިޝާނެއް އެމީހުން ދޫކުރެއެވެ.
ލޯ ހުޅުވައިލުމުގެ ކުރީން މިއާގެ ނޭފަތުގައި ޖެހުނީ ކުޅުދިޔާ ކޮށްލާ ފަދަ ކޮފީގެ މީރު ވަހެވެ. ކަންނެތް ވެފައިވާ އެސްފިޔަތަކަށް އާ ޖޯޝެއް ލިބިގެން ހުޅުވައިލުމުން ކުރިމަތީން އިޔަން ފެނިފައި ހައްތަހާ ހިތަށް އުފާވެރިކަން ލިބުނެވެ. އިޔަން ކަކުލާއި ހަމައަށް އަންނަ ސޯޓާއި އެކު އެރީތި ހަށިގަނޑު ހާމަކޮށްލައިގެން ހުރެފައި އަތުގައި ހުރި ދެ ކޮފީތަށިން ކުރެ އެއް ތަށި މިއާއަށް ދިއްކޮށްލިއެވެ. "ތޭންކްސް." މިއާ ތެދުވެ އިށީންދެފައި ކޮފީތަށީގައި ހިފި އިރު އިނީ ހައިރާންވެފައެވެ. އެއީ އޭނާ ރޭ ނިދުމާއި ހަމައަށް ފެނުނު އިޔަންއެއް ނޫނެވެ. ކޮންމެވެސް ކަމެއް ބަދަލު ވެއްޖެއެވެ. "މިއާ މިރެއަށް އެއްވެސް ޕްރޮގްރާމްއެއް ރާވައިފައި އޮތިއްޔާ ކެންސަލް ކޮށްލާތި. ފެމެލީ ޑިނަރ ނައިޓެއް ބާއްވަން މިއުޅެނީ. ބައެއް ފްރެންޑުންނާއި ތިމާގެ މީހުނަށް ވެސް ދައުވަތު ދޭން އަންގައިފިން." އިޔަން ފުރަތަމަ ކޯވަރު ރަހަ ބަލާލައިފައި ގޮސް ފޮތިގަނޑު ކަހައިލިއެވެ. މިއާގެ ހިތުގައި ސުވާލު އުފެދިގެން ކޮފީ ތަށި ކައިރި ކޮށްލާފައިވެސް އަނެއްކާ ދުރު ކޮށްލެވުނެވެ. "ކޮބާ މުނާސަބާ އަކީ؟" މިއާ އެހިއެވެ. "ސަޕްރައިޒްއެއް." އިޔަން އެނބުރިފައި، ދުވަސް ތަކަކަށްފަހު ފުރަތަމަ ފަހަރަށް އެއް ލޯ މަރައިލި އެވެ. މި ފެންނަނީ ހުވަފެނެއް ހެއްޔެވެ؟ މިއާ އިނީ ޤަބޫލު ނުކުރެވިފައެވެ.
މިއާ ފެންވަރާލައިގެން ނިކުމެފައި، އެހާ އަވަހަށް ސައިބޯހިތް ނެތުމުން މިސްރާބު ޖެހީ މަންމަގެ ކޮޓަރި އާއި ދިމާއަށެވެ. ޒަމީހާ އެނދުމަތީގައި ގަހަނާ ސެޓުތައް އަތުރާލައިގެން އިނީ ހޮވާނެ ސެޓެއް ނޭނގިފައެވެ. ބޮޑު ބުރުގާ އަޅައިގެން އުޅޭ މީހަކު އެގޮތަށް ގަހަނާ ތަކެއް ބަލަން އިނުމުން މިއާވެސް ހައިރާންވިއެވެ. "ދަރިފުޅު ކޯއްޗެއް ބޭނުމީ؟" ޒަމީހާއަށް މިއާ ފެނިގެން އަހާލައިފި އެވެ. މިއާއަށް ކަމުދިޔަ ސެޓުގައި އަތް ޖައްސާފައި އެނދުގައި އިށީނީ އެއީ ކީއްކުރާ އެއްޗެހި ތަކެއްތޯ އަހައިފައެވެ. "މިރޭ އޮންނަ ޑިނަރ ނައިޓްގައި ދަރިފުޅު އަޅަން. މީ މަންމަ ބުރުގާ އެޅުމުގެ ކުރީން މަދު ފަހަރަކު އަޅާފަ ހުރި ގަހަނާ ތަކެއް." ޒަމީހާ ޑައިމަންޑް ހާރު ނަގާފައި މިއާގެ ކަރުގައި ޖައްސައި ފަރި ބަލައިލި އެވެ. "އިޔަންތަ ބުނީ ތި ވާހަކަ؟ މަންމައަށް އެނގޭތަ އެއީ ކީއްކުރަން ބާއްވާ ޑިނަރ ނައިޓްއެއް ކަމެއް؟" މިއާ އިނީ އޮޅުންފިލުވަން ނުހަނު ބޭނުންވެފައެވެ. ޒަމީހާގެ ޖަވާބަކަށް ވީ ދެފަރާތަށް ބޯ ހޫރުވައިލުމެވެ.
ރޭގަނޑުގެ ވަގުތަށް އެންމެން ތައްޔާރުވިއެވެ. ބަރާބަރު އަށެއް ޖެހިއިރަށް މިއާވެސް ރީތިވެލައިގެން ސިޑިން ފައިބަން އައެވެ. އަލި ނޫކުލައިގެ އަތްދިގު މެކްސީ އާއި ޑައިމަންޑް ހާރާއެކު އިސްތަށިގަނޑު ހައްޔަރު ކޮށްލައިފައިވާ ގޮތުން އެކަނިވެސް ރަސްދަރިކަނބަލެއް ފަދައިން ޝާހީކަމެއް ދައްކައެވެ. އެވަގުތު އިޔަން ފޯނެއްގައި ވާހަކަ ދައްކަން ހުރެފައި މިއާ ފެނިގެން ލަސްލަހުން ފޯނު ތިރިކޮށްލި މަންޒަރު ރަނގަޅަށް ވެސް އޭނާ ދުށްޓެވެ. "ހާދަ ރީއްޗޭ." މިއާ ގޮސް ޖެހިގެން ހުރި ގޮނޑީގައި އިށީންދެލުމުން އިޔަން ފުން ނަޒަރެއް ދީފައި ބުނެލިއެވެ. ވަގުތުން އެހިތަށް ފިނިވެލިއެވެ. އިޔަންއަށް އަނެއްކާ މިއަދު ވެގެން އުޅެނީ ކިހިނެއް ހެއްޔެވެ؟ ފުރައިގެން އައުމާއި ހަމައަށް ޒޯހާގެ ހިޔާލުތައް ސަވާރުވެފައިވާ އިޔަންގެ ސިކުނޑި އެކަމުން މިނިވަންވީ ކިހިނެއް ހެއްޔެވެ؟
"އަޅުގަނޑު ދިން ކުޑަ އެންމެ ނޯޓިހަކާއެކު މި ކެއުމުގައި ބައިވެރި ވަޑައިގެންނެވީތީ ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އިޔަން އިސްވެ ވާހަކަ ދައްކަން ފަށާފައި ދެން ބަލައިލީ މިއާގެ މޫނަށެވެ. "މިއާ އަހަރެން ހުރިހާ ކަމެއް ހަނދާންވެއްޖެ. ހަނދާންވެއްޖެ އަހަންނާއި މިއާގެ ކައިވެނި ކުރެވުނު ގޮތް. އެއަށްފަހު ކަންތައް ހިނގި ހުރިހާ ގޮތެއްވެސް. ހަނދާންވެއްޖެ މިއާ އަހަރެންދެކެ ލޯބިވާ ވަރު. އަހަރެންނަށް އިންތިޒާރު ކުރިވަރު. އަމިއްލަ އެދުން ފަހަތަށް ޖައްސާލައިފަ އަހަރެންގެ އުފާތައް ކުރިއަށް ނެރުނު ގޮތް" އިޔަން ވާހަކަ ދައްކަމުން މިއާގެ އަތުގައި ހިފައިލާލައި އެލޮލަށް ބަލައިލީ ޔަޤީނުންވެސް ތަފާތު ގޮތަކަށެވެ. މިއާ އިނީ ޝޮކެއްގައެވެ. މާޒީ އެނގުމަށްފަހު އިޔަންގެ ހިތުން ޒޯހާގެ ހިޔާލުތައް ނޫން އިތުރު ކަމަކަށް ތަން ލިބުނީ ކިހިނެއް ހެއްޔެވެ؟ އެވަގުތު އެތާ ތިބި އެހެން އެންމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ޝާފިޔާ ފެންކަޅިވެފައިވާ ލޮލަކުން ހަމީދުއަށް ބަލައިލާފައި ދެމީހުންގެ މެދުގައި ހިނިތުންވުމެއް ބަދަލު ކޮށްލިއެވެ. ހާސްވެފައި އިނީ އެކަނި ޒަމީހާ އެވެ. އެކަމަކު އިޔަންގެ ފަރާތުން ޒަމީހާ ބޭޒާރު ކުރަން އުޅޭ ކަހަލަ އެއްވެސް އިޝާރާތެއް ނުފެނުނެވެ. މިއާއަށްޓަކައި އިޔަން އޭނާއަށް މަޢާފު ކޮށްފާނެ ހެއްޔެވެ؟
"ވަރަށް ވެސް އުފާވެރި ޚަބަރެއް. މަރުހަބާ." ނަޝީދު އުފަލާއެކު އިތުރު ކޮށްލިއެވެ. މިއާ ފެންކަޅިވެފައި އިނީ އަނގައިންވެސް ނުބުނެވިފައެވެ. އެތައް ދުވަހަކަށްފަހު އިޔަން އޭނާއަށް ލޯބީގެ ނަޒަރުން ބަލައިލުމުން ހިތް ފުރި ބަންޑުން ވެއްޖެއެވެ. އިތުރަށް މިދުނިޔޭން އޭނާ ބޭނުން ހަމަ އެކައްޗެއް ނުވެއެވެ.
އެއުފާވެރި މާހައުލު އިތުރަށް ފުރިހަމަ ވެގެން ދިޔައީ ކެއުން ފެށުނު ފަހުންނެވެ. "ޖަސްޓް އިން ޓައިމް." އިޔަން ކުއްލި އަކަށް ކޮޅަށް ތެދުވެފައި ދޮރުން ވަން ދެ މީހަކަށް މަރުހަބާ ކިއެވެ. އިސް އުފުލައިލުމާއެކު މިއާގެ ކަރުތެރޭގައި ނޭވާ ތާށިވި ހެން ހީވިއެވެ. އެވަގުތު ޒަމީހާގެ އަތުގައި އޮތް އޫ ވެއްޓި ތަށި ތެރޭގައި ޖެހުނު އަޑު ގުގުމައިގެން ދިޔައެވެ. ޝާފިޔާ އާއި ހަމީދުގެ އިތުރަށް ނަޝީދު ވެސް ހައިރާން ވެއްޖެއެވެ. ދޮރުން ވަދެގެން ޕޮލިހުންގެ ދެމީހުން އައީ ސީދާ އެދިމާ އަށެވެ.
"މިއާ ނަޝީދު އަދި ޒަމީހާ އަލީ. ކުށެއްނެތް އަންހެން ކުއްޖަކު ކިޑްނެޕް ކޮށްގެން ގެންގުޅުމަށްފަހު މަރައިލި ކަމުގެ ކުށުގައި ހައްޔަރު ކުރަން މިއައީ." ޕޮލިހުންގެ ދެމީހުން އެދެމައިން ކޮޅަށް ނަގާފައި އަތުގައި ބިޑި އަޅުވައިފި އެވެ.
"ނޫން.. ނޫން!" މިއާ ހަޅޭއްލައިގެންފައި ފުންމައިގެން ތެދުވި އަޑަށް އެންމެން ސިއްސައިގެން ދިޔައެވެ. "ހޭލާ ހުއްޓާ ފެނުނު އެއީ ބިރުވެރި ހުވަފެނެއްކަން އެނގުމުން ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް މިއާގެ ނިއްކުރިން މެދުކެނޑުމެއްނެތި ދާތައް ހިލިގެން ދިޔައެވެ. "ކިހިނެއްވީ މިއާ؟ އެމީހުން ފެނިގެން ބިރުގަތީތަ؟ އެއީ އަހަރެންގެ ދެއެކުވެރިން. އަދިވެސް ކުޑައިރު އެގަންނަ ބިރު ފިލާ ނުދަނީ ދޯ...ނޫނީ އަނެއްކާ...." އިޔަންގެ ފަހު ޖުމްލަ ފުރިހަމަ ނުވަނީސް މިއާ މެދުކަނޑާލިއެވެ. "އަހަރެންގެ ތަބީއަތު ރަނގަޅެއް ނޫން." މިއާ ބޭނުންވީ އެތަނުން ދާށެވެ. ކުރިމަތީގައި ތިބި ދެ ޕޮލިހުން އެއީ އިޔަންގެ ދައުވަތަކަށް އައި ދެމީހުން ކަމަށް ވިއަސް އޭނާ ހިތް ބިރުގަންނަނީ އެވެ.
"ހިނގާ ދަރިފުޅާ! މަންމަވެސް ދާނަން." ޒަމީހާ މިއާގެ ފަހަތުން ހިނގައިގަތެވެ.
"މަންމާ އަހަރެން ވަރަށް ބިރުގަނޭ." މިއާ ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް މަންމަގެ ގައިގައި އޮޅުލައިގަތެވެ. "މިހާ ދުވަސްވީމަ ދެން ކޮންކަމަކާ ބިރުގަންނަނީ މިއާ؟ ކަންބޮޑު ނުވެބަލަ އެއްވެސް ކަމެއް ފަޅައެއް ނަރާނެ. އެކަކަށްވެސް ނޭނގޭނެ އަހަރުމެން ދެމީހުން ވެގެން ޒޯހާ ކިޑްނެޕް ކޮށްގެން ގެންގުޅެފައި މީހަކަށް ފައިސާދީގެން މަރަން ހަވާލު ކުރި ކަމެއް. ޝައްކެއްވެސް ނުވާނެ. އިޔަންއަށްވެސް އެނގޭނީ ޒޯހާ އަހަރެންގެ ކިބައިން ސަލާމަތްވެގެން ދިއުމަށްފަހު ބޯޓުގައި ރޯވި އަލިފާނުގައި މަރުވިކަން. އެމަރުގައި އަހަރެމެންގެ އަތެއް ނެތް. އިޔަންގެ ހަނދާންތައް އަދި އަނބުރާ އައި ކަމުގާވިއަސް ދަރިފުޅު ކޮށި މަގު މިހާރު އޮތީ ސާފުވެފައި. އިޔަން އަކީ ވިސްނޭ ޒުވާނެއް. މާޒީގައި ދިރިއުޅުމުގެ ބަދަލުގައި އޭނާ ނިންމީ އާ ހަޔާތަކާއިގެން ކުރިއަށް ދާން. އަހަރެމެންގެ މަޤްސަދު ކާމިޔާބު ވީ ދަރިފުޅު ބޭނުންވިގޮތަށް ޒޯހާ އަކީ ނެތްމީހެއް ކަމަށް އިޔަން އެކްސެޕްޓްކޮށްފި." ޒަމީހާ މިއާގެ އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.
"އެކަމަކު މަންމާ. އިޔަން ކޯމާއިން އެނބުރި އައި ދުވަހު އަހަރެންނަށް ވަރަށް ބޮޑު ދޮގެއް ހެދިފައި ވަނީ. އަހަރެން ބުނީ އަހަރެން މީ އިޔަން ލޯބިވެރިއެއްގެ ގޮތުގައި ފަސްއަހަރު އެކުގައި އުޅެފައި ކައިވެނި ކުރި ކުއްޖެއް ކަމަށް. އިޔަން ހިތަށް އަރާނެ އަހަރެން ދޮގު ހެދީ ކީއްވެބާއޭ." މިއާ ކަންބޮޑުވުން ފައުޅު ކުރިއެވެ. "އިޔަން ސުވާލު ކުރާ ހިސާބުން ދަރިފުޅު ވިސްނައި ދޭނީ ހަޤީޤަތް ބުނަން ބޭނުން ނުވީ އެހާ ދުވަސް ފަހުން ކޯމާއިން އައިގޮތަށް އެހާ ހިތި މާޒީއެއް އެނގިގެން އަލުން އިޔަން ގެއްލިދާނެ ކަމަށް ދަރިފުޅު ބިރުގަތީ ކަމަށް." ޒަމީހާ ކިޔައިދިނެވެ. "މީ އެއްގޮތަކަށް ވެސް ކަންބޮޑު ވާންވީ ވަގުތެއް ނޫން މިއާ. މީ ކާމިޔާބުގެ ވަގުތު. އުފާކުރޭ." ޒަމީހާގެ ހިތްވަރު ދެނިވި ބަސްތަކުން މިއާގެ ލޮލުން ކަރުނަ ހިލުނެވެ.
ޒަމީހާ މިއާ އެނދުގައި ބާއްވާފައި ރަޖާ އަޅައި ދިނުމުން ހަމަޖެހުމާއެކު ލޯ މަރައިލެވުނެވެ. އިރުކޮޅަކުން އޭނާގެ މޯބައިލް ރިންގް ވާން ފެށީ ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީ ބަހައްޓާފައިވާ ދަބަސް ތެރެއިންނެވެ. މިއާ ތެދުވެ އިށީންދެފައި ދަބަހަށް އަތް ބާނައިގެން ފޯން ނަގައި ކަންފަތުގައި ޖައްސައިލިއެވެ. ހަލޯއޭ ބުނެލާފައި ދެވަނަ ސިކުންތުގައި އޭނާ ކުއްލިއަކަށް ސިއްސައިގެން ގޮއްސައި ބަލައިލީ އަނެއްކާވެސް ދަބަހަށެވެ. މިއާގެ ހިތުގައި އުފެދުނު ޝައްކު ޔަޤީނަށް ބަދަލުވީ ދަބަސް ގެނެސް އުނގުމަތީ ބަހައްޓާފައި ހާވައިލި ފަހުންނެވެ. ފުރައިގެން އަންނަމުން އޭގެ ތެރެއަށްލީ ޑައިރީއެއް ނެތެވެ. މިއާ އެނދުން ފުންމާލައިފައި މޮޔައެއްހެން ދުވެފައި ގޮސް އަލަމާރިއަށް އެޅި ހެދުންތައް ތިރިއަށް އޮއްސައިލި އެވެ. ލިޔާމޭޒު މަތީ ހުރި ފޮތްތަކާއި މޭޒުގެ ވަތްގަނޑުތައްވެސް ޗެކް ކުރިއެވެ. އެހާ އަވަހަށްވެސް އޭނާގެ ނޭވާ ކުރުވެ މޫނު ހުދުވެއްޖެއެވެ. އެޑައިރީ މީހެއްގެ އަތުޖެހިއްޖެއްޔާ ޤިޔާމަތް ވެދާނެއެވެ.
"ލޫކިން ފޯރ ދިސް؟" އެއިވުނީ އިޔަންގެ އަޑެވެ. މިއާގެ ކަންފަތަށް ހޮނު ގުގުރިއެއްގެ އަޑު އިވިގެން ދިޔަހެން ހީވިއެވެ. އަވަސް އަވަހަށް އެނބުރި ބަލައިލިއިރު އިޔަން ހުރީ ޑައިރީ ދައްކާލައިގެންނެވެ. "އިޔަން!" ވަގުތުން މިއާގެ ދެލޯ ކަރުނުން ފުރިގެން އައެވެ. "ކީއްވެ މިއާ؟ ކީއްވެ؟" އިޔަން ޑައިރީ އާއެކު ކައިރިއަށް އައީ ބާރު ބާރަށެވެ. މިއާއަށް ޖެހިލެވުނީ ދެފިޔަވަޅެއް ވަރު ފަހަތަށެވެ. "ކީއްވެ އަހަންނަށް ތިހެން ތިހެދީ؟ ބުނެބަލަ!" އިޔަން އައިސް މިއާގެ ދެކޮނޑުގައި ހިފަހައްޓައިލި ތަނުން ވިންދު ޖަހަން ފެށިކަން އިހްސާސް ކުރެވުނެވެ. "ކޮބާ ޒޯހާގެ ކުށަކީ؟ އަހަރެންދެކެ ލޯބިވުންތަ؟ މިއާ އާއި މިއާގެ މަންމަ އާއި އެކުވެގެން އެކުއްޖާފުޅުގެ މުޅި ދިރިއުޅުން ތި ހަލާކުކޮށްލީ. އެންމެ ފުރަތަމަ ހަތަރު އަހަރު ވާންދެން އޭނާ ނޯކަރެއްގެ ގޮތުގައި ބޭންދީ. އެވަރުން ވެސް ހިތެއް ނުފުރުނު. އެންމެފަހުން އޭނަ އަހަންނާއި ވަކިކޮށްގެން ގެންގޮސް ގެންގުޅެފައި ދުނިޔެއިން ނައްތާލަން ތި ހަވާލު ކުރީ. އަހަރެން އަޖައިބުވެއްޖެ. ތިކަހަލަ އިންސާނުން ވެސް ދުނިޔޭގައި އުޅޭތަ؟ ލޯބި ހާސިލް ކުރަން މީހުން ފުރާނަ އާއި ކުޅޭތަ؟" އިޔަންގެ ބަސްތަކުން މިއާގެ ކަރުނަތައް އިތުރު ވުން ނޫންކަމެއް ނުވިއެވެ. ރޮއި ރޮއި ހުރެގެން އިސްޖަހައިލުން ނޫން އިތުރު ހަރަކާތެއް މިއާ ނުގެނައެވެ.
"އޯ ގޯޑް... މަރުގެ ވަގުތު ޒޯހާގެ ހިތަށް ކިހާ އަސަރު ކުރާނެ. އޭނަ ކިހާ އުންމީދެއް ކުރާނެ އަހަރެން އޭނަ ސަލާމަތް ކުރާނެ ކަމަށް...." އިޔަން މިއާ ދޫކޮށްލައިފައި ގޮސް ގޮށްމުށުގެ އެތިފަހަރުތައް ބޭލީ ފާރަށެވެ. އެއަތްތިލައިން ހަން މެށިގެން ލޭތައް އޮހިގަތެވެ. އެކަމަކު ދެލޯ ވަނީ ކަރުނަ ހިކިފައެވެ. ކިތަންމެ ވަރަށް ކަރުނަ އެޅިއަސް ނެތް މީހަކު އަނބުރާ އަތުވެދާނެ ހެއްޔެވެ؟ ނޫނެކެވެ. ޒޯހާވެސް އޭނާ ރޯކަށް ބޭނުމެއް ނުވާނެއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޕޮލިހުންގެ ދެމީހުން އައިސް މިއާގެ އަތުގައި ބިޑި އެޅުވިއެވެ. މިއާ އެމީހުންނާއި އެކު ނިކުތްއިރު ދޮރު ކައިރީގައި ޒަމީހާ އިސްޖެހިފައި ހުރީ އޭނަ އެކޭ އެއް ހާލަތެއްގައެވެ. ދާދި ކައިރީގައި ނަޝީދު އާއި ހަމީދު އެކަކު އަނެކަކަށް ބަލައިލަން ނުކެރިފައި ތިބި ކަހަލައެވެ. ޝާފިޔާ ރޮމުން ގިސްލަމުން ވަނީ އިޔަންގެ ކައިރި އަށެވެ. ދެންތިބި މީހުންވެސް ކުޅިބަލަން ތިއްބެވެ. ކޮންމެ މީހަކުމެ ހައިރާންކަމުން ފުރިގެންވާ ބެލުމަކުން އެމަންޒަރު ބަލަމުން ދިޔައެވެ. އެމީހުން ގެންދިޔަ ފަހުން އާއިލާގެ ކޮންމެ މީހަކުމެ ވަކި ވަކިން މިއާގެ ޑައިރީ ކިއެވެ. ޒަމީހާ އިޔަންއަށް ޖެއްސި ހާލާއި ކައިވެނީގެ ހަޤީޤަތްވެސް އަދި ކިރިޔާ އެމީހުންނަށް އެނގުނީއެވެ. ޝާފިޔާއަށްވެސް އިޔަން އާއި ޒޯހާ ދުރު ކުރީ ޒަމީހާ ކަމުގައި ޝައްކެއް އެކަނި ވެފައި އޮތެއް ކަމަކު ކަން ހިނގާފައި ވާ ގޮތް އެނގުނު ހިސާބަކީ އެއީ އެވެ.
ދެ ދުވަސް ފަހުން އިޔަންއަށް މިއާގެ ނޯޓެއް ލިބުނެވެ. "އަހަންނަށް އިނގޭ އިޔަންގެ ފަރާތުން މަޢާފް ނުލިބޭނެކަން. އެއީ އަހަރެންގެ ހައްޤެއް ނޫން. އެކަމަކު އަހަރެން މަންމައަށްވެސް ފޮރުވައިފައިވާ ސިއްރެއްގެ ވާހަކަ އިޔަން ކައިރީ ބުނަންވީ ވަގުތު އަތުވެއްޖެ. ހަމައެކަނި ބުނެލަން އޮތީ އިޔަން ލޯބިވާ ކޮންމެ އެއްޗެއްދެކެ އަހަރެން ލޯބިވާނެ ވާހަކަ. އަހަރެން މިބުނި އެއްޗެއްގެ މާނަ އިޔަންއަށް ވަރަށް އަވަހަށް އެނގިދާނެ. އަދި އެއްވާހަކަ އަހަރެން އިޔަންގެ ލޯބި ހާސިލް ކުރުމަށްޓަކައި ތިދެމީހުން ދުރު ކުރަން ކުރި ހުރިހާ ކަމެއްވެސް ކުރީ ތިދެމެދުގައި އޮތީ ވަރަށް ނާޒުކް ގުޅުމެއް ކަމަށް ޔަޤީން ކޮށްގެން. އެހެނަސް މިހާރު ގަބޫލު ކުރެވިއްޖެ އިޔަން އާއި ޒޯހާގެ ލޯއްބަކީ ދުނިޔޭގެ އެއްވެސް ބާރަކަށް ވަކި ކޮށްނުލެވޭނެ ފަދަ ބާރުގަދަ ގުޅުމެއް." މިއާ ލިޔެފައި އޮތެވެ. ދެން އޮތީ އެޑްރެހެކެވެ.
މެންދުރުގެ ފްލައިޓުން އިޔަން ލަންކާއަށް ދާން ނައްޓައިލި އެވެ. އެއަރޕޯޓުން ނިކުމެފައި ޓެކްސީއެއް ނަގައިގެން ފުރަތަމަވެސް އޭނާ މިސްރާބު ޖެހީ މިއާ ދިން އެޑްރެހަށެވެ. ހަތް ބުރިއަށް ނަގާފައިވާ އިމާރާތުގެ އެއީ ދެވަނަ ބުރިއެވެ. އިޔަން ބެލް ޖަހައިލުމުން ދޮރު ހުޅުވައިލީ އަންހެނެކެވެ. އަންހެންމީހާއަށް އިޔަން ފެނިފައި އެނގިއްޖެއެވެ. އެބަ އަންނަމޭ ކިޔައިފައި އޭނާ ވަނީ އެތެރެއަށެވެ. އިޔަން ވަށައިގެން ހޯދަމުން ކުރިއަށް ފިޔަވަޅު އަޅަމުން ދަނިކޮށް ސިޓިންރޫމާއި ޖެހިގެން ހުޅުވާފައިވާ ކޮޓަރިއެއްގެ ދޮރު ފެނުނެވެ. ކައިރިވެލައިފައި ބޯ ދިއްކޮށްލި ވަގުތު ކަންފަތުގައި ޖެހުނު އެއީ އެންމެ ހިތްގައިމު އަޑެވެ. އިޔަންގެ ހަށިގަނޑުން އާދަޔާ ހިލާފަށް ހީބިހި ނަގައިގަނެ އަތްފައި ފިނިވިއެވެ. އެތެރެއަށް ވަދެގެން ދިޔައިރު ނޫ ކުލަ ލައިފައިވާ ކުޑަ ކޮޓަރިގަނޑުގެ ކޮންމެ ދިމާއަކުން ފެނުނީ ތުއްތު ކުދީންގެ ސާމާނެވެ. ބުދު ތަކާއި ފާރުގައި ހަރުކޮށްފައިވާ ކާޓޫން ތަކެވެ. އިޔަން ވަށައިގެން ހޯދަން ހުއްޓާ ދެވަނަ ފަހަރަށް އަޑު އައީ ކޮޓަރީގެ އެންމެ ބިއްދޮށުގައިވާ ކުޑަ އެނދާއި ދިމާއިންނެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް ކައިރި ވެލުމުން އިޔަންގެ ލޮލަށް ފެނުނު އެއީ އެންމެ ރީތި މަންޒަރެވެ. ބަލާބެލުމަށް އަހަރަކަށް ދާ ފުށްގަނޑެއްފަދަ ޅަ ފިރިހެންކުއްޖަކު އިށީންދެލައިގެން އިނީ މަތީގައި އެލުވާފައިވާ ކުޅޭ އެއްޗެހިތަކަށް އަތް ފޯރުވުމުގައެވެ. ކުޑަ ކުޑަ ދެއަތް މައްޗަށް ނަގައިގެން އެ އެއްޗެހީގައި އަތްލެވޭތޯ މަސައްކަތް ކުރަމުން އިރު އިރުކޮޅާ ބަހެއް ބުނެލައެވެ. ލައްވާފައި އިން ނޫކުލައިގެ ބޮޑީސޫޓާއެކު ބޮލުގައި އެކުލައިގެ ތޮފިކޮޅެއް އަޅުވާފައި އޮތެވެ. ސާފު އެންމެ ސާފު ވަށް ދެލޮލާއި މަޑު ފިޔާތޮށި ކުލައިގެ ކުޑަ ތުންކޮޅެކެވެ. ދެކޮލަށް މަސްއަރައި ވާންވެފައި ވާއިރު އިސްތަށިކޮޅު ތުނިވެ ބޮލުގެ ހަންގަޑާއެކު ފެންނަނީ މުށި ކުލައެއްގައެވެ.
އިޔަން ކެތްތެރި ކަމެއްނެތި އެހެނަސް ހިސާބަކަށް ޖެހިލުން ވެފައި ހުރެ އެތުއްތު ކުއްޖާގެ ދެކިހިލިފަތް ދަށަށް އަތް ލައްވާފައި އެނދުން ނަގައިފި އެވެ. އެވަގުތު ފަހަތުން ފިޔަވަޅުގެ އަޑު އިވިގެން އެނބުރި ބަލައިލެވުނެވެ. "އިޔަން!" ޒޯހާއަށް އިޔަން ފެނިގެން ބާރު ބާރަށް ގޮވައިލާފައި ދެވަނަ ސިކުންތުގައި ކައިރީގައި ހުރި އެނދުގައި އިށީންދެވިއްޖެއެވެ. "ޒޯހާ.............!" އިޔަންގެ ދެލޯ ފުރިގެން އައީ ހިފެހެއްޓުމެއް ނެތިއެވެ. ތުއްތު ދަރިފުޅު އަނބުރާ އެނދަށް ލައިފައި އަވަސް އަވަހަށް ގޮސް ޒޯހާގެ ދެކޮނޑުގައި ހިފާ ނެގިއެވެ. "ޒޯހާ އަހަރެން ހީކުރީ ދެން ދުވަހަކުވެސް ނުފެންނާނެ ކަމަށް." އިޔަންގެ ދެ ތުންފަތް ތުރު ތުރު އަޅައިލުމާއެކު ބުނެލެވުނެވެ. ޒޯހާގެ ރީތި ދެލޯވެސް އެއީ ފެންދެމެމުން ދިޔަ ކޯރެއް ފަދައެވެ. އިތުރަށް ވާހަކަ ދައްކަން އެކަކަށްވެސް ފަސޭހައެއް ނުވިއެވެ. ކުރެވުނުހާވެސް ކަމަކީ އެކަކު އަނެކަކުގެ ގައިގައި ހިފައިގަނެގެން ކަރުނަތައް ބޭރުވާން ދޫކޮށްލުމެވެ. އިޔަން ޒޯހާ ހިފަހައްޓައިފައިވާލެއް ބާރު ކަމުން ހީވަނީ ދުވަހަކުވެސް ދޫކޮށްލަން ގަސްތު ނުކުރާ ހެންނެވެ. ހުރެވުނުތަންވެސް އެމީހުންނަށް އިހްސާސްވީ އިރުކޮޅެއް ފަހުން ތުއްތު ދަރިފުޅު ރޮއިލި އަޑަށެވެ.
"އެއީ؟" އިޔަން ޒޯހާ ދުރުކޮށްލައިފައި އެދަރިފުޅާއި އިޝާރާތްކޮށް އަހައިލިއެވެ. "ހޫމ... އިޔަންގެ ދަރިފުޅު. އަހަރެމެންގެ ދަރިފުޅު." ޒޯހާ ކަރުނަތަކާއެކުވެސް ތަންމިނަށް ހިނިތުންވެލިއެވެ. އަނެއްކޮޅުން އިޔަންއަށްވެސް ހެވިއްޖެއެވެ. "މަޑު ކުރޭ އަހަރެން ނަގާނަން." އިޔަން ގޮސް ތުއްތު ދަރިފުޅު ނަގާފައި ފަރުވާތެރި ކަމާއެކު އެމޫނަށް ބަލައިލިއެވެ. ލޯއްބާއި ކުލުނުން ހިތް ފުރިގެން އައުމުން ކެތްތެރިކަމެއްނެތި އެ ތުއްތު މޫނުގައި އެތަކެއް ފަހަރު އިޔަން ބޮސްދިނެވެ. "ކޮން ނަމެއް ކިޔަނީ؟" އިޔަން އައިސް ޒޯހާގެ ކައިރިއަށް ހުއްޓިފައި ސުވާލު ކޮށްލިއެވެ. "އައިޖަޒް. މާނައަކީ ބްލެސިން. އެމީހުން އުޅުނީ އަހަރެން މަރާލަން. އެކަމަކު މިއާއަށް އަހަރެން ބަނޑުބޮޑުކަން އެނގުނު ވަގުތު އެމޫނަށް އެރި ކުލަވަރު އަދިވެސް ހަނދާން އެބަހުރި. އެރޭ އަހަރެން ފަހު މިނިޓްތައް ގުނަމުން ދަނިކޮށް މިއާގެ ކޯލެއް އައީ. އޭނަ ފޯނު ބާއްވާފަ ކިޔައިދިން މިއާ އަހަރެން އެހެންތާކަށް ގޮސް ދިރިއުޅެން ކަންތައްތައް ހަމަޖައްސަދޭން ބުނި ކަމަށް." ޒޯހާ އޮޅުންފިލުވައިދިނެވެ. "އެއީ ބޯޓު އެކްސިޑެންޓްގެ ކުރިންތަ؟ ނޫނީ ފަހުންތަ؟" އިޔަން ފުރުސަތު ލިބުމުން އެހިއެވެ.
"އޭގެފަހުން އަހަރެން މަރާލަން އެމީހުން ގަސްތު ކުރީ. އެވަގުތުވެސް އަހަރެން ހީކުރީ މަރުވާނެ ކަމަށް. އެކަމަކު ލޯ ހުޅުވައިލެވުނީ އަނެއްކާވެސް ހޮސްޕިޓަލުގައި އޮތްވާ. އެއީ ބަނޑުބޮޑުކަން އެނގުނު ދުވަހަކީ. އޭރު ދެމަސް." ޒޯހާ ކިޔައިދިނެވެ.
"ﷲގެ އިރާދަ ފުޅުން އެހުރިހާ ނުބައި ކަމަކަށް ނިމުމެއް އައީ. ދެން އެކަކަށްވެސް އަހަރުމެންގެ ކުޑަ އާއިލާ ވަތްކެއް ނުކުރެވޭނެ." އިޔަން ޒޯހާ އާއި ދަރިފުޅާއެކު ގެނެސް މޭގައި ޖައްސައިލާފައި ބުނެލިއެވެ.
އެނބުރި ގެއަށް ދިއުމުން ޒޯހާއަށް އެއާއިލާއިން ކީ ހޫނު މަރުހަބާއެކެވެ. އައިޖަޒް ފެނިފައި ހަމީދުގެ ލޮލުންވެސް އުފާވެރި ކަމުގެ ކަރުނަ އައެވެ. އަނެއްކޮޅުން ޒޯހާގެ އާއިލާ އާއި އިޔަންގެ މެދަށް ވެރިވެފައިވާ ރުޅިވެރިކަންވެސް ޒޯހާ ދުރުކޮށްދިނެވެ. ޖަލުގައި ހޭދަކޮށްފައި އައި ފަހުން ޒަމީހާވެސް ހުންނަނީ ކުށް އިހްސާސްވެ ކުރީގެ ގޮތް ދޫކޮށްލައިގެންނެވެ. އެކަމަކު މިއާ ޖަލުން ނިކުމެފައި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރީއެވެ. ކަންތައް ވެފައިވާ ގޮތުން އެއްވެސް މީހަކު މިއާގެ ނިންމުން ބަދަލު ކުރާކަށް މަސައްކަތެއް ނުކުރެއެވެ.
ނިމުނީ