04 Sep 2013, 22:23
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަޅަން ކޫއްޑޫ ފިޝަރީޒް އިން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
މިއަދު ކޫއްޑޫ ފިޝަރީޒުން ބުނީ ވޯންގް ބްރަދާސް ނަމަކަށް ކިޔާ ކުންފުންޏާ މިއަދު ހަވާލުކުރި މަޝްރޫއު ނިމޭ އިރު ކޯލްޑް ޕްލާންޓްއަކާއި ތެޔޮ ރައްކާކުރާ ނިޒާމާކާއި އިދާރީ މަސައްކަތްތަކަށް ބޭނުންވާ އިމާރާތަކާއި އިތުރުން މުވައްޒަފުން ތިބޭނެ އިމާރާތެއް ހުންނާނެ ކަމަށެވެ.
އެ ކުންފުނިން އަދި ބުނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބިނާކޮށް ނިމުމުން އެތަނުގައި ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭނެ ކަމަށާއި 1500 ޓަނުގެ އައިސް ރައްކާކުރެވޭނެ ކަމަށެވެ. އެކޮމްޕްލެކްސް ހުޅުވުމުން 300 ވަޒިފާގެ ފުރުސަތު އުފެދޭނެ ކަމަށް ވެސް ބުންޏެވެ. އެގޮތުން އުފެދޭ ވަޒީފާތަކަށް ދުވެހިން ލިބޭ ނަމަ ބިދޭސީންނަށް ވަޒީފާ ނުދޭނެ ކަމަށް ވެސް ކޫއްޑޫ ފިޝަރީޒުން ބުންޏެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ފިޝަރީޒް މިނިސްޓްރީން ހިއްކައިފައިވާ ބިމެއްގައި އިމާރަތްކުރާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތަށް 10 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކޫއްޑޫ ފިޝަރީޒް އިން ބުންޏެވެ.
އައްޑޫގައި ބައިނަލްއަގަވާމީ އެއާޕޯޓެއް އޮންނާތީ ފިޝަރީޒް ކޮމްޕްލެކްސް ހިންގަން ފަސޭހަ ވެފައި ފައިދާ ބޮޑުވާނެ ކަމަށް ކޫއްޑޫ ފިޝަރީޒުން ދެކެ އެވެ. އެއީ ފަސޭހަ ވައިގެ މަގުން ރާއްޖޭން ބޭރަށް މަސް ގެންދިއުމަށް ފަސޭހަވާނެތީ ކަމަށް އެކުފުނިން ބުންޏެވެ.