04 Sep 2013, 21:38
ބޫޓާނާ ދެކޮޅަށް މިއަދު ރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެކޮޅަށް ދެލަނޑު ވަނުމުން އެކަމާ ހައިރާން ނުވާކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.
މިއަދުގެ މެޗު ފެށިގެން ފުރަތަމަ ހާފްގެ 15 ވަނަ މިނިޓުގައި އަލީފާސިރު (ސެންޓޭ) ލަނޑެއް ކާމިޔާބުކޮށް ރާއްޖެއަށް މެޗުގެ ކުރި ހޯދައިދީފައި ވަނިކޮށް ބޫޓާންގެ ޗެންޗޯ ގައިޝަންއާއި ޕަސަންގް ޝެރިރިން ކާމިޔާބުކޮށްދިން ދެލަނޑުން ބޫޓާން ކުރި ހޯދިއެވެ. ރާއްޖެއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން މުޙައްމަދު އުމެއިރު އެވެ.
"އަހަރެން ކުޅުންތެރިންނަށް ބުނެދެމުން މިއަންނަނީ، 10 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ފުރަތަމަ މެޗުން މޮޅުވެފައި އޮތުމުން މިމެޗު ވަރަށް އުނދަގޫ ވާނޭކަމަށް. އަދި މި މެޗުން މޮޅުވާން ޖެހޭނޭ ކަމަށް،" ކޯޗު ބުންޏެވެ. "މެޗުގެ ފުރަތަމަ 20 މިނެޓްގައި އަދި ފުރަތަމަ ހާފްގައި ކަންތައް ހިނގާދިޔައީވެސް އެގޮތަށް. އަހަރެން އެކަމާ ހައިރާނެއް ނުވޭ."
ކޯޗު ބުނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި މިޑްފީލްޑަރު އިސްމާއީލް އީސާއަށް މިއަދު މެޗުގައި ކުޅުމުގެ ފުރުސަތު ދިނީ، އޭނާއަށް ކުޅެވޭތޯ ބަލަން ކަމަށާއި އެހެން ނަމަވެސް އޭނާ އަދި ރަގަޅަށް ތައްޔާރު ނުވާ ކަމަށެވެ.
"މެސީއަކީ ފެންވަރު ހުރި ކުޅުންތެއިއަކަށް ވުމުން އަހަރެން އަހަރެން އޭނާއަށް ފުރުސަތު ދިނީ ކުޅެވޭތޯ ބަލަން. އެކަމަކު މެސީ އަދި މެޗަށް ފިޓެއް ނުވޭ،" އުރުބާނީ ބުންޏެވެ.
މިއަދުގެ މެޗުގައި ބޫޓާނުން ދެއްކި ކުޅުމަށް އުރުބާނީ ވަނީ ތައުރީފު ކޮށްފަ އެވެ. އުރުބާނީ ބުނީ، ބޫޓާން މިއަދު ޖެހި ދެ ލަނޑަކީ އެޓީމު ދެއްކި ކުޅުމާ ބަލާފައި ހައްގު ދެ ލަނޑު ކަމަށެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އުރުބާނީ ވަނީ މެޗު ކުޅޭ ދަނޑުގެ ފެންވަރު ދައްކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ކޯޗު ބުނީ، "ފުރަތަމަ ދުވަހު ކުޅުނު އިރު ދަނޑުގައި ފެން ހެދިފައި ހުރީ. މިހާރު އެކަމަކު އެތަން އޮތީ ޗަކަވެފައި،" ކަމަށެވެ.