04 Sep 2013, 21:30
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން މިދިޔަ ހަފުތާގައި ދ. މީދޫ ކައުންސިލަށް 175،000 ރުފިޔާގެ ފައިސާގެ އެހީއެއް ދީފައިވާ ކަން "ސަން" އަށް އެނގިއްޖެ އެވެ.
މީދޫން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ 175،000 ރުފިޔާގެ ފައިސާގެ އެހީއެއް މީދޫ ކައުންސިލަށް ވިލާ ފައުންޑޭޝަނުން ވެފައިވާ ކަމަށް މިއަދު މީދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހިދު މައުލޫމާތު ދީފައިވާ ކަމަށެވެ.
އެކަމުގެ ތަފްސީލު ހޯދުމަށް ސަން އިން ފުރަތަމަ ގުޅާފައި ވަނީ މީދޫގެ ކައުންސިލްގެ ރައީސް މުހައްމަދު ޝާހިދަށެވެ. ނަމަވެސް އެ މައްސަލާގައި މައުލޫމާތު މީޑިއާއާ އެކު ހިއްސާކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ޝާހިދު ވަނީ ފޯނު ކަނޑާލާފަ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލްތައް ނަން ހާމަނުކުރަން އެދެމުން ސަން އާ ހިއްސާކޮށްފައި ވަނީ މީދޫ ކައުންސިލް މެމްބަރެކެވެ.
މީދޫ ކައުންސިލް މެމްބަރު ވިދާޅުވީ ވިލާ ފައުންޑޭޝަނުން ދީފައިވާ އެހީ އަކީ 175،000 ރުފިޔާގެ ފައިސާގެ އެހީއެއް ކަމަށާއި އެ އެހީ ދީފައި ވަނީ މީދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކުރަން ފައިސާގެ ދަތިކަން ދިމާވެގެން އެކަމަށް އެދުމުން ކަމަށެވެ.
އަދި އެ ފައިސާ އެއްކޮށް މީދޫ ކައުންސިލްގެ އެކައުންޓަށް ވިލާ ފައުންޑޭޝަނުން ޖަމާކޮށްދީފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
މީދޫގައި ހުންނަ ދ. އަތޮޅު ސްކޫލަށް ބޭނުންވާ ބައެއް ސާމާނު ވެސް މިދިޔަ ހޯމަ ދުވަހު ވިލާ ފައުންޑޭޝަނުން ވަނީ އެ ސްކޫލަށް ހަދިޔާކޮށްފަ އެވެ.
ސްކޫލުގެ ޕްރިންސިޕަލް ސީކޭ ވަރުގިސް ވިދާޅުވީ ހޯމަ ދުވަހު ވިލާ ފައުންޑޭޝަނުން ހަދިޔާކުރި ބައެއް ތަކެތި ސްކޫލަށް ފޮނުވާފައިވާ ކަމަށެވެ.
އެ ގޮތުން 52 އިންޗީގެ ޓީވީ އަކާއި ފަސް ކޮމްޕިއުޓަރާއި އެއް ލެޕްޓޮޕް އަދި ޕްރިންޓަރެއް ވިލާ ފައުންޑޭޝަނުން ސްކޫލަށް ހަދިޔާކޮށްފައިވާ ކަމަށް ވަރުގިސް ވިދާޅުވި އެވެ.
ވަރުގިސް ވިދާޅުވީ އެތަކެއްޗަކީ ޖުލައި މަހުގެ ތެރޭގައި ވިލާ ފައުންޑޭޝަންގެ ބާނީ އަދި ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މީދޫއަށް ކުރެއްވި ދަތުރެއްގައި ސްކޫލްގެ އިސްފަރާތްތަކާ ބައްދަލުކުރުމަށް ފަހު، އެހީގެ ގޮތުގައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ތަކެއްޗެވެ.
"ނަސީބަކުން އަހަރެއް އޭރު ހުރީ ޗުއްޓީގައި. އެއީ ޖުލައި މަހުގެ ފުރަތަމަ ހަފުތާ ކަމަށް ބެލެވެނީ. އޭރު ސްކޫލްގެ ވެރިންނާ ބައްދަލުކުރުމަށް ފަހު ގާސިމް ވިދާޅުވެފައި ވަނީ އެހީވެދެއްވާނެ ކަމަށް،" ވަރުގިސް ވިދާޅުވި އެވެ.
ވިލާ ފައުންޑޭޝަނުން މިފަހަކަށް އައިސް އެކިއެކި ސްކޫލުތަކަށް ވަމުން އަންނަ އެހީތައް އިތުރުވެގެން ގޮސްފައިވާ އިރު، އެމްޑީޕީ ފަދަ އިދިކޮޅު ޕާޓީތަކުން ވަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރާ ކަމެއް ކަމަށް ބުނެ މިކަން ކުށްވެރިކޮށްފަ އެވެ.
ނަމަވެސް، ގާސިމްގެ ޖުމްހޫރީ ޕާޓީ އިން ބުނެފައި ވަނީ ވިލާ ފައުންޑޭޝަނުންވާ އެހީތަކަކީ ގާސިމްގެ އެއްވެސް ހިއްސާއެއް ނެތި މުޅިން ވަކިން ހިނގާ ކަމެއް ކަމަށެވެ.