އައްޑު އަތޮޅުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ އެ މީހުން އަތުލައިގެންފައި ވަނީ މި މަހުގެ 11 އިން 14 ގެ ނިޔަލަށް އައްޑު އަތޮޅު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 18 އަހަރުން މަތީގެ 6 މީހުންނާއި 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.


"އެމީހުން އަތުލައިގެންފައި ވަނީ ބަންދު ތެރެއާ ދިމާކޮށް ފުލުހުން މާލޭގައި ވެސް ހިންގަމުން ގެންދާ އޮޕަރޭޝަންގެ ދަށުން، އައްޑޫގައި ހިންގި އޮޕަރޭޝަންގައި ޝައްކުކުރެވޭ ބައެއް ތަންތަނާއި ގޭގެ ބަލައި ފާސްކުރަނިކޮށް،" އޮފިޝަލު ވިދާޅުވި އެވެ.


އައްޑު އަތޮޅު ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ޔުނިޓުން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ހަށިގަނޑާއި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިވާ 40 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.


އެ މައްސަލަތައް ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.