04 Sep 2013, 21:17
މެޗުގެ ފުރަތަމަ ހާފުގައި ލަންކާއިން ލަނޑެއް ޖަހާ ލީޑު ނަގާފައިވަނިކޮށް، ފަހު ހާފުގައި ފަހަތުން އަރާ 3-1 އަކުން މޮޅުވެ، އަފްގާނިސްތާން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފި އެވެ.
ކަތަމަންޑޫގެ ހަލަޗޮކް ސްޓޭޑިއަމްގައި މިއަދު ރާއްޖެ ގަޑިން 2:45 ގައި ކުޅުނު މެޗުގައި ލަންކާއަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ 36 ވަނަ މިނެޓުގައި ލިބުނު ކައުންޓާ އެޓޭކަކުން، ފަޒާލެވެ.
ފުރަތަމަ ހާފާއި އަޅާ ބަލާއިރު ފަހު ހާފުގައި މެޗުގައި ކުޅެމުންދިޔައީ އަފްގާނިސްތާނުންނެވެ. އެގޮތުން އަފްގާނިސްތާނަށް ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ޕެނަލްޓީ އެއް ވެސް ލިބިފަ އެވެ. ނަމަވެސް އަފްގާނިސްތާނުގެ އަރޭޒޫ ޖެހި ޕެނަލްޓީ ވަނީ ލަންކާގެ ހުށިޔާރު ގޯލް ކީޕަރު ސުޖާން ދިފާއުކޮށް ލަންކާއަށް ހިތްހަމަ ޖެހުމެއް ހޯދާދީފަ އެވެ.
ނަމަވެސް އެ ހިތްހަމަ ޖެހުމަށް ގުޑުމެއް އައީ އަފްގާނިސްތާނުން ގޯލެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ހަމަހަމަ ކުރި ގޯލް އަފްގާނިސްތާނަށް ކާމިޔާބުކޮށްދިނީ މެޗުގެ 62 މިނެޓުގައި، ދެވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު ރަފީ ނަގައިދިން ކޯނަރަކުންނެވެ. މި ގޯލާއެކު އަފްގާނިސްތާނުގެ ކުޅުންދިޔައީ އިތުރަށް ރަނގަޅުވެގެންނެވެ. ނަތީޖާއެއްގެ ގޮތުން އަފްގާނިސްތާނުން ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. މި ގޯލް އަފްގާނިސްތާނަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހާރޫންނެވެ.
އަފްގާނިސްތާނަށް މެޗުގެ ފަހު ލަނޑު ކާމިޔާބުކޮށްދީ ސެމީ ފައިނަލުގެ އުއްމީދު އާކޮށްދިނީ 86 ވަނަ މިނެޓުގައި ހަސްމަތުﷲ މުހައްމަދު ޖަހަދިން ގޯލުންނެވެ.
ގްރޫޕް ބީ ގައި އަފްގާނިސްތާން ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ގަޑިން 2:45 ގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާ ދެކޮޅަށެވެ.