04 Sep 2013, 20:11
ގަލޮޅު މަދަރުސާ ކުރިމަތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ވަނީ އެކަން "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ. ބިދޭސީ މީހާ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި 16 އަހަރުގެ ފުރާވަރު ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަންޒަރު ދުއް ފަރާތަކުން ބުނި ގޮތުގައި ބިދޭސީ މީހާއަށް ހަމަލާދީ މާރާމާރީ ހިންގުމަށްފަހު ފިލަން އުޅުނު ކުއްޖާ އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރީ އެ ސަރަހައްދުން ސައިކަލެއްގައި ދިޔަ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބެވެ. އެ ޒުވާނާ އަތުލައިގަތުމުގައި ސިފައިންގެ މީހަކު ވެސް ހަސަން ހަބީބަށް އެހީތެރިވެދިނެވެ.
"ސައިކަލުގައި ހަސަން ހަބީބު އެ ވަގުތު އެހެންލާފައި ދިޔައީ. މާރާމާރީއެއް ހިންގައިގެން އުޅޭތީ ސައިކަލުން ފައިބައިގެން ގޮސް އެ ކުއްޖާ އަތުލައިގަތީ. ހަސަން ހަބީބާއެކު ސިފައިންގެ މީހަކު އޭނާ އަތުލައިގަތުމުގައި ހަރަކާތްތެރިވި،" މަންޒަރު ދުއް މީހަކު ބުންޏެވެ.
މާލޭގައި މިރޭ ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މއ. ޝެޑޯ އެވެނިއުގޭ ކައިރީގައި ރޭ މީހެއްގެ ގަޔަށް ވަޅިހަރައި ވަނީ ޒަހަމްކޮށްލައިފަ އެވެ.