ނ. ހޮޅުދު އާއި ރ. މަޑުއްވަރީގެ ގިރާ ސަރަހައްދު ހިމާޔޮށް ތޮށިލުމުގެ މަސައްކަތް 61 މިލިއަން ރުފިޔާ އަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ގިރާ ސަރަހައްދު ހިމާޔަތްކޮށް ތޮށިލުމުގެ މަސައްކަތުގައި ސަރުކާރުގެ ފަރާތުން މިއަދު ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބުދުލް މަތީނު މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު ހިލްމީ އެވެ.

އެންވާރަމަންޓް މިނިސްޓަރީން ބުނީ ހޮޅުދޫގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޓަކައި އަޅާ 2678 ފޫޓުގެ ތޮށީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ އަށް ކަމަށާއި އަދި މަޑުއްވަރީގައި އަޅާ 2919 ފޫޓުގެ ތޮށީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ އަށް ކަމަށެވެ. އަދި އެ ދެ މަސައްކަތުގެ އީއައިއޭ ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި އެގޮތުން މަސައްކަތް ހަވާލުކޮށްފައި ވަނީ ހަތް މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ދެ ރަށުގެ ތެރެއިން ނ. ހޮޅުދޫ އަކީ މީގެ ކުރިން ވެސް ވަރަށް ބޮޑަށް އުދަ އަރައި ފަސްގަނޑު ކަނޑައިގެން ދިޔަ ރަށެކެވެ. އަދި އެކަމުގެ ސަބަބުން ގޮނޑުދޮށް ހިސާބުގައި ހުރި ދެ ގެއަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ވެފަ އެވެ.