ސުޕްރީމް ކޯޓުގައި ތަޅުދަނޑި ހިފަހައްޓައި ކޯޓު ބަންދުކުރީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މޫކައި ހޮޓަލުގައި "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސުޕްރީމް ކޯޓުގައި ތަޅު އެޅިވި މައްސަލައާ ގުޅޭ ގޮތުން ދެންނެވި ސުވާލެއްގައި ޖަވާބުގައި ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓު މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދުނީ އިންތިގާލީ މަރުހަލާ ނިމުމަށް ފަހު، "އުވިފައިވާ" ސުޕްރީމް ކޯޓަކަށް ހަރަދުކުރުމަކީ ގާނޫނީ ގޮތުން މައްސަލައަކަށް ވެދާނެތީވެ ކަމަށެވެ.

"ތިޔަ ބޭފުޅާ އަށް ވެސް އެނގިލައްވާނެ އޭރު ސުޕްރީމް ކޯޓުގެ އިންތިގާލީ މަރުހަލާ ނިމިއްޖެ. ނިމުނު އިރު ވެސް، ދާއިމީ ސުޕްރީމް ކޯޓެއް ނާދެ. ދެން އަޅުގަނޑު ދެންނެވިން ސިޔާސީ ޕާޓީތަކުގެ ވެރިންގެ ގާތުގައި ވެސް. ޕިނޭންސް މިނިސްޓްރީ އިން ބުނީ އުވިފައިވާ މުއައްސަސާއަކަށް ހަރަދުކުރުމަކީ ގާނޫނާ ހިލާފު ކަމެކޭ. އެތާނގެ އެންމެ ބޮތްކެއް ދިއްލުމަކީ ވެސް މައްސަލައަކަށްވީ،" ނަޝީދު ވިދާޅުވި އެވެ.

ދެ ހާސް ދިހަ ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ތަޅުދަނޑި ނުދީ ހިފަހައްޓާފައި ވަނީ ސުޕްރީމް ކޯޓު ހިންގަމުން އައި ތީމުގޭގެ އިމާރާތް ބަލަހައްޓަމުން އަންނަ ސިފައިން ނެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭރު އެކަންތައް ބޮޑުވެގެން ދިޔަ ނަމަވެސް، ފަހުން އެއްވެސް މައްސަލައެއް ނުޖެހި ދާއިމީ ސުޕްރީމް ކޯޓެއް ގާއިމްކުރެވިގެން ދިއުމުން އެކޯޓަށް އެއްބާރުލުން ދީފައިވާނެ ކަމަށެވެ.

ސުޕްރީމް ކޯޓު ދާއިމީ ވުމުގެ ކުރިން، އެކޯޓުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އޭރު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓުމަކީ "ގާނޫނު އަސާސީ އަށް ފައިން އެރުން" ކަމަށާއި މިރާއްޖޭގައި ގާނޫނު އަސާސީއެއް އޮތްހާ ހިނދަކު ސުޕްރީމް ކޯޓު ދެމި އޮންނާނެ ކަމަށެވެ.

ކެމްޕެއިނަށް ޓަކައި ރައްޔިތުންނަށް ފޮނުވަމުންދާ ސިޓީތަކުގެ ތެރެއިން ސިޓީތަކެއްގައި ސޮއިކުރަން އިންނަވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ދުވަސްވަރު އެންމެ ބޮޑު މައްސަލައަކަށްވީ ރާއްޖޭގައި ބަޣާވާތެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެކަމުގެ ތަހުގީގުކުރަން ފެށުން ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމެއްގައި ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، ސިޔާސީ ގޮތުން ކުރެވުނު ބަންދުތަކެއް ކަމަށް ބެލެވޭނެ ޖާގަ އޮތް ގޮތަށް ނަޝީދުގެ ދައުރުގައި ބައެއް ސިޔާސީ ފަރާތްތައް ބަންދުކުރި މައްސަލާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ސިޔާސީ ކުށްވެރިއަކު ހިފަހައްޓާފައި ނުވާނެ ކަމަށެވެ.

އަދި ޕީޕީއެމްގެ މިހާރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަދި ރަނިންގް މޭޓް ޑރ. މުހައްމަދު ޖަމީލު ފަދަ ސިޔާސީ ބޭފުޅުން ހައްޔަރުކުރީ ފުލުހުން ހިންގަމުން ދިޔަ ތަހުގީގެއްގައި ކަމަށާއި ފުލުހުން ކުރަމުންދާ ތަހުގީގުތަކަށް ވެރިކަމުގައި ހުންނަވައިގެން ބެހި ހައްދަވާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އަމުރު ދެއްވާފައި ނުވާނެ ކަމަށާއި އެކަން ސާބިތެއް ވެސް ނުކުރެއްވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ދައުވާކުރަން ފަށާފައި، އެކި ގޮތް ގޮތަށް ޝަރީއަތްތައް ދިގު ދެންމުމަށް ފަހު އެމައްސަލަ ފަސްކޮށްފައި ވަނީ އެކަން ސާބިތު ނުކުރެވޭނެ ކަން އެނގޭތީ ކަމަށާއި އެހެން ނޫން ނަމަ، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އެ މައްސަލަ ނިންމާނެ ކަމަށެވެ.

"އަބްދުﷲ ގާޒީ މައްސަލާގައި އެކަން ނިންމީ ޑިފެންސް މިނިސްޓްރީ އިން. ފުލުހުން އަޅުގަނޑު ގާތު ބުނީ އަބްދުﷲ ގާޒީ ދޫކޮށްލާފައި ހުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް. ދެން އެބޭފުޅުން އެބެއްލެވި ބެއްލެވުންތަކެއް ބަލާފައި އެކަން ކުރީ. އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމީ ޑިފެންސް މިނިސްޓްރީ އިން،" ނަޝީދު ވިދާޅުވި އެވެ.