04 Sep 2013, 16:49
ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިއަދު ހަވީރު ބޫޓާނާ ވާދަކުރާއިރު މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް މެޗު ކުޅުމަށް ހަމަޖެހިފައިވާ ދަސަރަތު ސްޓޭޑިއަމަށް އަތުވެއްޖެ އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާގެ މައްޗަށް 10-0 ލަނޑުގެ ތާރީހީ ކާމިޔާބެއް ހޯދާފައިވާ އިރު މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ ބޫޓާންއާ ދެކޮޅަށް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ރާއްޖެ ވަނީ، ރަނގަޅު ނަތީޖާ ތަކެއް ނެރެފަ އެވެ. އެގޮތުން 1984ގެ ސާފް ގޭމްސްގައި މިދެޓީމް ވާދަކުރި މެޗު ރާއްޖެ ކާމިޔާބުކުރީ 1-0 އިން ނެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާ ވާދަކޮށް ރާއްޖެ މޮޅުވެފައިވަނީ 6-0 އިންނެވެ. އަދި 2009 ވަނަ އަހަރުގެ ޗެލެންޖްކަޕް ކޮލިފައިންގައި އެޓީމު އަތުން ރާއްޖެ މޮޅުވީ 5-0 ލަނޑުންނެވެ.
ފުރަތަމަ މެޗުން ފަހުރުވެރި ކާމިޔާބެއް ރާއްޖެ ހޯދައިގެން މިއަދު ބޫޓާނާ ދެކޮޅަށް ނުކުންނައިރު ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފައިވަނީ، މިއަދުގެ މެޗަކީ އެއްގޮތަކަށްވެސް ފަސޭހަ މެޗެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި އަދި ކުރިންދުވަހު ލަންކާގެ މައްޗަށް ހޯދި ކާމިޔާބު ހުރިހާ ކުޅުންތެރިންވެސް ހަނދާން ނައްތާލާފައިވާ ކަމަށެވެ.
މީގެ ކުޑައިރު ކޮޅެއް ކުރިން ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގައި ހުންނަވައިގެން ގައުމީ ޓީމްގެ މެނޭޖަރު އަދި އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވީ، ޓީމު އޮތީ ވަރަށް އުވާވެރި މޫޑެއްގައި ކަމަށާއި އަދި ރަނގަޅު ފޯމެއްގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަދުގެ މެޗުންވެސް ރަނގަޅު ނަތީޖާއެއް ހޯދައިގެން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކުރުމަށް މި ވިސްނަނީ. އެއީ އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް އެދޭނެގޮތް. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް." ގައުމީ ޓީމްގެ މެނޭޖަރު ބުންޏެވެ.
ސުޒޭން ބުނީ ޓީމުގައި މިވަގުތު އަނިޔާގެ އެއްވެސް މައްސަަލައެއް ނެތް ކަމަށާއި، އަދި މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ކުޅެ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރާނޭ ކަމަށެވެ.
ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ޓީމުން ކުޅެން ނުކުންނަ ފުރަތަމަ 11:
މުހައްމަދު އިމްރާން (އިންމަ)، މުހައްމަދު ސިފާން (ކުޑައްޓޭ)، އަކުރަމް އަބްދުލް ޣަނީ (އަކޫ)، ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު ރަޝީދު (ހޮކޭ)، އިސްމާއީލް އީސާ (މެސީ)، މުހައްމަދު އުމެއިރު، މުހައްމަދު އާރިފް (ބަކާ)، އަލީ ފާސިރު (ސެންޓޭ)، އަޙްމަދު އިމާޒު، (އާއްކޮ) އަދި އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ކަތަމަންޑޫގެ މޫސުމަށް ބަލާއިރު މިއަދަކީ މޫސުން ރަނގަޅު ދުވަހެކެވެ. ފިނިހޫނުމިން 25 ޑިގްރީ ސެލްސިއަސްގައި ހުރިއިރު ވައިގެ ތެތްކަން އުޅެނީ %78ގަ އެވެ.