04 Sep 2013, 15:47
އިގްތިސާދީ ބޭނުމަށް ރާއްޖެ ގެންނަ ސަފާރީ އަދި ބޯޓުތަކަށް މިހާރު ދައްކަންޖެހޭ ޑިއުޓީ ފަސް އަހަރު ފަހުން ނަގަން ފަށާ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.
ގެޒެޓް ކުރުމަށް ޓްރާސްޕޯޓް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފޮނުވާފައިވާ ގަވާއިދަށް ކިޔަނީ "ބެއާބޯޑް ރަޖިސްޓްރީ"ގެ ގަވާއިދެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ އެ ގަވާއިދުގެ ދަށުން ދިވެހި ރާއްޖޭގެ އިގްތިސާދީ މަސައްކަތެއް ކުރުމަށް ރާއްޖެއިން ބޭރުން ގެންނަ އުޅަނދަށް ފަސް އަހަރު ވަންދެން ކަސްޓަމްސް އަށް ދައްކަންޖެހޭ ޑިއުޓީ ނުދައްކާ އެ އުޅަނދު ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކަސްޓަމަށް ބޮޑު އަދަދެއްގެ ޑިއުޓީއެއް ކުއްލިއަކަށް ދައްކަން ޖެހޭތީ އެ ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތި ލާންޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ޒުވާނުންނަށާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުމުން ބޮޑު ކެޕިޓަލްއެއް ހޯދުމަށް ވެސް ދަތިތަކާ ކުރިމަތު ލާންޖެހޭ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ނާފިޒް ވިދާޅުވީ ބައެއް ގައުމުތަކުން އެ ގައުމުތަކުން ދުކޮށްފައި ހުންނަ ލައިސަންސް ކާޑު ބެނުން ކުރުމުގެ ހުއްދަ އަށް އެދެމުން ދާތީ އެގައުމުގެ ލައިސެންސް ބޭނުން ކޮށްގެން އުޅަނދު ދުއްވުމުގެ ހުއްދަ ދޭންވަނި ހަމަޖެހިފައި ކަމަށެވެ. އަދި ދުއަވުމުގެ ކުރިން އެބޭފުޅަކު ގެންގުޅޭ ލައިސަންސް އަކީ އެ ސަރުކާރަކުން ގަބޫލްކުރާ ލައިސަންސްއެއްކަން އެންގޭ ލިޔުމެއް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނާފިޒް އިތުރަށް ވިދާޅުވީ އެ އޮތޯރިޓީގެ ހިދުމަތްތަށް އަވަހަށް ފޯރު ކޮށްދިނުމަށް ލައިސަންސް އަށް އެދޭ ދުވަހު ލައިސަންސް ލިބޭނެ ފަދަ ނިޒާމެއް މި އަންނަ މަހުން ފެށިގެން ހަމަޖެހިގަންދާނެ އެވެ. އަދި އެ މަސައްކަތަށް ވަނީ ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު އޭގެ ތެރެއިން އެ ފަރާތަކީ "އެފް ޑީ އައި" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޓެކްސީގެ ހިދުމަތް ފެންވަރު ރަނގަޅު ކުރުމާއި ޓެކްސީ ހިދުމަތް ލިބިގަންނަ ފަރާތާއި ހިދުމަތް ދޭ ފަރާތުގެ މަސްލަހަތު ރައްކާތެރި ކުރުމަށް 23 މާއްދާގެ މައްޗަށް އެކުލެވޭ ޓެކްސީ ކުރުމާ ބެހޭ ގަވާއިދެއް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ހަދާފަ އެވެ. އެ ގަވާއިދު ގެޒެޓް ކުރުމަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފޮނުވާފަ އެވެ.
ޓެކްސީ ކުރުމާ ބެހޭ ގަވާއިދާ ބެހޭ ގޮތުން ނާފިޒް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ޓެކްސީ ކުރުމާ ބެހޭ ގަވާއިދެއް ނެތުމުން ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށާއި ނަމަވެސް އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގަވާއިދަށް އަމަލު ކުރަން ފެށުމުން އެ މައްސަލަކަތަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޓެކްސީ ސެންޓަރުން ހިދުމަތް ދިނުމާ ގުޅޭ ގޮތުން ޓެކްސީ ގަވާއިދުގެ ހަތް ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޓެކްސި ސެންޓަރު ތަކުން ކޮންމެ ދުވަހަކު 24 ގަޑިއިރު ޓެކްސީގެ ހިދުމަތް ދޭންވާނެ ކަމަށެވެ. އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެކްސީގެ އެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އުޅަދަކުން، ޓެކްސީ ސެންޓަރެއްގެ ބެލުމުގެ ދަށުން، 24 ގަޑިއިރަކުން މަދުވެގެން ހަތް ގަޑިއިރު، ހަފުތާއަކު މަދުވެގެން 42 ގަޑިއިރު ހިދުމަތް ދޭންވާނެ ކަމަށެވެ.