ކޮލަންބޯ (ސެޕްޓެމްބަރު 4): ސްރީލަންކާއަށް ޓެރަރިޒަމްގެ ބިރާއި އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ އެގައުމުގެ ދިފާޢީ ވަޒީރު ގޮތަބަޔާ ރާޖަޕަކްސަ ވާހަކަ ދައްކަވައިފި އެވެ.

ކޮލަންބޯގައި ކުރިޔަށް ދިޔަ ދިފާޢީ ކަންތައްތަކާ ބެހޭ ސިންޕޯޒިޔަމެއްގައި ވާހަކަ ދައްކަވަމުން ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮށްކޮ ގޮތަބަޔާރާޖަޕަކްސަ ވިދާޅުވީ ސްރީލަންކާގެ 35 އަހަރުގެ ދިގުލީ ދާޚިލީ ހަނގުރާމައަށް ފަހު ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކާއި އެކިނަސްލުތަކާއި ދީންތަކުގެ މީހުންގެ މެދުގައި ގައުމީ ފެންވަރުގައި ސުލްޙަ އާއި އެއްބައިވަންތަކަން ގާއިމްކުރުމުގެ މަސައްކަތް، ސަރުކާރުން މެކުހަށް ޖަހާފައިވާ އިރު ތަމަޅަ ޓައިގަރު ޖަމާއަތަށް ތާއީދުކުރާ ބައެއް ފަރާތްތަކުން މިކަންތައްތަކަށް ހުރަސްއަޅައި ގައުމުގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރަމުންގެންދާ ކަމުގަ އެވެ.

ގޮތަބަޔާގެ ވާހަކާގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ނާވީޕިއްލޭ ދާދިފަހުން ސްރީލަންކާ އަށް ވަޑައިގެން ދެއްކެވި ވާހަކަތަކަކީ ވެސްޓައިގަރުންނަށް ތާއީދުކުރާ މީހުންނަށް ލިބުނު ހިތްވަރެއް ކަމަށް ތުހުމަތު ކުރައްވައި ޕިއްލޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޕިއްލޭވަނީ ސިފައިން ތަމަޅައިންނާ މެދު ތަފާތުކޮށް، އިހާނާތްތެރިވާ ކަމަށްވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށްނެރުމުގެ ވިސްނުން ގެންގުޅޭ ބޭރުގެ ބައެއްފަރާތްތައް ވެސް ވަގުތީ ގޮތުން ސްރީލަންކާގައި ގާއިމްވެ ތިބޭ ކަމަށާ އެފަދަ ފަރާތްތަކުން ހިންގަފާނެ ހަރުކަށި އަމަލުތަކަކާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށް ވެސް ގޮތަބަޔާ ވިދާޅުވި އެވެ. ނަމަވެސް އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށްނެރުމުގެ ވިސްނުން ގެންގުޅޭ ބޭރުގެ ފަރާތްތަކަކީ ކޮންގައުމުތަކަކަށް ނިސްބަތްވާ ކޮން ބައެއްކަން އޭނާ ހާމައެއްނުކުރައްވަ އެވެ. ސްރީލަންކާގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި ޚިޔާލުގެ ބުޑިސްޓުން މިފަހަކަށް އައިސްހަރަކާތްތެރިވަމުން ދާއިރުގޮތަބަޔާ ވަނީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށްނެރުމުގެ ވިސްނުން ގެންގުޅޭ މުސްލިމުންގެ ފަރާތުން ހަރުކަށިއަމަލުތަކެއް ފެނުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ސްރީލަންކާގެ މުސްލިމުންނާ ދެކޮޅަށް އޭނާ ވާހަކަ ދައްކަވާފައެއް ނުވެއެވެ. ސިންގަޅައިންގެ އަޣްލަބިއްޔަތެއް އޮންނަ ސްރީލަންކާގައި އެންމެ ބޮޑު ބައިމަދު ނަސްލަކީ ތަމަޅަ ދަރިކޮޅުގެ މީހުންނެވެ. އެއަށް ފަހު ސްރީލަންކާގައި ބައިމަދު ބައެއްގެ ގޮތުގައި ބެލެވިފައި ވަނީ މުސްލިމުންނަށެވެ.

ގޮތަބަޔާ ވިދާޅުވީ ޓައިގަރުންނަށް ތާއީދުކުރާ ފަރާތްތަކުންސްރީލަންކާ ބައިކޮށްލުމުގެ ވިސްނުން އަދިވެސް ދުކޮށްނުލާކަމަށާ ބޭރުގައުމުތަކުގައި މިފަރާތްތަކުން ޙަރަކާތްތައް އަދިވެސް ކުރިޔަށްދާކަމުގަ އެވެ. އަދި ޓައިގަރުން ގެންގުޅުނު ވަކިވެގަތުމުގެ ފިކުރު އަދިވެސް ނެތިގެންނުދާކަމަށާ އެ މީހުންގެ ޕްރޮޕަގެންޑާ ވެސް އަދި ނުހުއްޓޭ ކަމަށާ ޓެރަރިޒަމްގެ ހަރަކާތްތައް އަލުން ފެށުނަދިނުމަށް ކުރެވޭ މަސައްކަތްތައްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓައިގަރުން ބަލިކޮށް ސްރީލަންކާ ސަރުކާރުން ކާމިޔާބީ އިއުލާނުކުރީ 2009 ވަނައަހަރުގެ ކުރީކޮޅުގަ އެވެ. (ރޮއިޓާސް)