ލ. ގަމުގައި ހޮޓަލެއެއްގެ ތެރޭ ސައިބޯން އިން މީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ގަމު ތުނޑީ އަވަށު ހޮޓަލެއްގެ ތެރޭ އިއްޔެ ހަވީރު 5:30 ހާއިރު ސައިބޯން އިން މީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖެއްގެ އިތުރުން އުމުރުން 19 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެ ހިންގި މާރާމާރީގައި ޒަޚަމްކޮށްލާފައި ވަނީ އުމުރުން 20 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ އޭނާގެ ބުރަކަށިން ތެޔޮހަން ދިއުން ފިޔަވައި އިތުރު ޒަޚަމެއް ބެރުފުށުން ފެންނަން ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 11:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. ހައްޔަރުކުރި ތިން މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ފުލުހުން ބުނެ އެވެ.