އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓާ (ދަމަނަވެށި) ރައީސްޖޫމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

މަޖީދީމަގު، ތެލެސީމިއާ ސެންޓަރުގެ އިރަށް ހުންނަ އެ އިމާރާތް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ރައްޔިތުނާއި ގާތުން ހިދުމަތް ދިނުމަށް އެފަދަ މަރުކަޒެއް ގާއިމު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ މަރުކަޒުގެ އެންމެ ބޮޑު މަގުސަދަކީ ފަސޭހައިން ރައްޔިތުންނާއި ގާތުން ސިއްހީ ހިދުމަތް ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ އިތުރު މަރުކަޒިތައް މާލޭގެ އެކި ހިސާބުތަކުގައި ހުޅުވުމަށް މަސައްކަތްކުރުމަށް ރައީސް ވަހީދު އެދިވަޑައިގެންނެވި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މީޑިއާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ސެންޓަރުން މާލޭ ސިއްހީ މަރުކަޒުން ދެމުންދިޔަ ހުރިހާ ހިދުމަތްތަކެއްގެ އިތުރުން އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި ގައިގަޔަށް ނާރާ ބަލިތަކަށް ސްކްރީން ކުރުމާއި މާބަނޑު މީހުނަށާއި ކުޑަކުދިންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

"މިތަނާއި އައިޖީއެމްއެޗް ހޮސްޕިޓަލާއި އިންނާނީ ކަނެކްޓްވެފައި. އެހެންކަމުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ،" ޑރ. ޖަމްސީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ސެންޓަރުން ކައުންސެލިން ދިނުމާއި ބޭސް އަޅައިދިނުމުގެ އިތުރުން ގޭގެއަށް ޒިޔާރަތްކޮށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި ހޮސްޕިޓަލަށް ނުދެވޭ ފަރާތްތަކަށް އެކިއެކި ހިދުމަތްތައް ވެސް ދޭނެ ކަމަށެވެ.

އެ ސެންޓަރަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ދަށުން ހިންގާ ސެންޓަރެކެވެ. އަދި އެ ސެންޓަރާ އެކު މާލޭ ސިއްހީ މަރުކަޒު އުވިގެންދެ އެވެ.