04 Sep 2013, 12:51
އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ހަތަރު ކެންޑިޑޭޓުން ވެސް ގަބޫލުކުރަން ވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެ އެވެ.
ބާންކީ މޫންގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރިޔާސީ އިންތިހާބު ކޮންމެ ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވި ނަމަވެސް އެ ނަތީޖާ އެންމެން ވެސް ގަބޫލުކުރައްވައި މާޒީގައި އޮތް ހިޔާލު ތަފާތުވުންތަކުން ސަލާމަތް ވެވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޑިމޮކްރަސީ ވަރުގަދަ ކުރުމަށާއި ހަމަޖެހުމަށް ޓަކައި ބިނާކުރަނިވި ގޮތަކަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ބާންކީ މޫން ވަނީ ގޮވައިލައްވާފަ އެވެ.
ރާއްޖޭގެ ވެރިކަން މިދިޔަ އަހަރު ފެބްރުއަރީ މަހު ބަދަލުވި ގޮތާ މެދު ރާއްޖޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ސިޔާސީ ބައިބައިވުމުގެ ސަބަބުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ވަނީ ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބު ހިނގާ ގޮތް ބެލުމަށް އދ. އާއި ކޮމަން ވެލްތާއި ޔޫރަޕިއަން ޔޫނިއަނުން ވަނީ ރާއްޖެއަށް މަންދޫބުން ފޮނުވާފަ އެވެ. އަދި އަވަށްޓެރި އިންޑިއާ އިން ވެސް ވަނީ އެ ގައުމުގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުވާފަ އެވެ.