ލ. އޮޅުވެލީގައި ސިކްސް ސެންސަސް ލާމު 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ހޮޓެލްސް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ ސަބްސިޑިއަރީ ކުންފުންޏަކަށް ވިއްކާލައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އޮޅުވެލި ލާމު ހޮލްޑިން އިން ހިންގާ 97 ވިލާ ހުންނަ ރިސޯޓް ވިއްކާލާފައި ވަނީ ސިންގަޕޫރުގައި ހިންގާ ހޮޓެލްސް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ލެޝާ ފްރޮންޓިއާސްއަށް ކަމަށެވެ. އެ ރިސޯޓް ވިއްކާލަން ލަފާދީފައި ވަނީ ޖޯންސް ލޭންގް ލަސެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުން ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އެ ވެބްސައިޓްގައި ބުނެފައި ވަނީ އެ ރަށް ލެޝާ ފްރޮންޓިއާސް ވިއްކާލި ނަމަވެސް ރިސޯޓް ހިންގާނީ ސިކްސް ސެންސަސް ހޮޓެލްސް، ރިސޯޓްސް އެންޑް ސްޕާއިން ކަމަށެވެ.

ސިކްސް ސެންސަސް ރިސޯޓަކީ 70 ވޯޓާ ވިލާގެ އިތުރުން 27 ބީޗް ފްރޮންޓް ވިލާ ހުންނަ ރަށެކެވެ.

ޖޯންސް ލޭންގް ލަސެލްސް ސީނިއާ ވައިސް ޕްރެޒިޑެންޓް ނިހާޓް އެރެކަން ވިދާޅުވެފައި ވަނީ ރާއްޖެއަކީ ދުނިޔޭގައި ވެސް އެންމެ ވަރުގަދަ އެއް ޓޫރިޒަމް މަންޒިލް ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނު އިރު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު 17 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ސްކޮޓް ވިދާޅުވެފައި ވަނީ ރާއްޖޭގެ ރިސޯޓްތަކުގެ ކޮޓަރިތަކުގެ އަގު އެހެން ތަންތަނާ އަޅާބަލާ އިރު ވަރަށް ރަނގަޅު ކަމަށެވެ. އަދި އިންވެސްޓަރުން ރާއްޖެއާ މެދު ހާއްސަ ގޮތަކުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ކުންފުނީގެ އޭޝިއާގެ ސީއީއޯ ސްކޮޓް ހެދެރިންގްޓަން ވިދާޅުވީ ސިކްސް ސެންސަސް ލާމަކީ ފާއިތުވި ދެ އަހަރު އެ ކުންފުނިން ރާއްޖޭގައި ހިންގި ހަތަރު ވަނަ މުއާމަލާތު ކަމަށެވެ. އަދި އެއީ އިންޑިއާ ކަނޑުގައި ހިމެނޭ ރަށްތަކުގައި އެ ގްރޫޕުން ހިންގި މުއާމަލާތްތަކުގެ އަގު 350 މިލިއަން ޑޮލަރަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގެ ސީޑީއެލް ހޮސްޕިޓަލިޓީ ރިއަލް އެސްޓޭޓް ޓްރަސްޓްގެ ސަބްސިޑިއަރީއެއް ކަމަށްވާ ސެންކްޗުއަރީ ސޭންޑްސް މޯލްޑިވްސް އިން ވަނީ މިއަހަރު ކުރީކޮޅު ވަނީ އަންގްސާނާ ވެލާވަރު ރިސޯޓް 71 މިލިއަން ޑޮލަރު (އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ގަނެފަ އެވެ.

މީގެ އިތުރުން ސޮނޭވާ ގްރޫޕުން ހިންގި ސޮނެވާގިލި (ލަންކަންފުށި)، އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ މިދިޔަ އަހަރު ގަނެގެން ހިންގަން ފަށައިފަ އެވެ.

ސިކްސް ސެންސަން ލާމަކީ އެ ކުންފުނީގެ ހަވަނަ ރިސޯޓެވެ. އެ ކުންފުނީގެ ރިސޯޓްތަކުގެ ތެރޭގައި ގިލި ލަންކަންފުށީގެ އިތުރުން ފޯސީޒަން ކުޑަހުރާ އާއި ފޯސީޒަން ލަނޑާގިރާވަރާއި ހޮލިޑޭއިން ކަނޑޫމާ ރިސޯޓާއި ރިހިވެލި ބީޗް ރިސޯޓް ހިމެނެ އެވެ.