އިލެކްޝަސް ކޮމިޝަނުން ގާއިމުކޮށްފައިވާ "ގައުމީ ކޮމްޕްލައިންޓްސް ބިޔުރޯ" އަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު އެ ކޮމިޝަނުން އިތުރު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ގާއިމުކޮށްފައިވާ ގައުމީ ކޮމްޕްލައިންޓްސް ބިޔުރޯ އިން ހަފްތާގެ ހަތް ދުވަހު ޝަކުވާ ބަލައިގަންނަން ހަމެޖެހިފައިވާ ކަމަށެވެ.

ކޮމިޝަނުން ނުރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 4:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ހުކުރު ދުވަހު ވެސް ގައުމީ ކޮމްޕްލައިންޓްސް ބިޔުރޯ އަށް ޝަކުވާ ހުށަހެޅޭނެ އެވެ. އެގޮތުން ހުކުރު ދުވަހު ޝަކުވާ ބަލައިގަންނަން ހަމަޖެހިފައިވާ ގަޑި އަކީ ހުކުރު ދުވަހު މެންދުރު ފަހު 2.30 އިން 5:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށް ވެސް ޝަކުވާ ބަލައިގަންނާނެ ކަމަށް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އީމެއިލް އަދި ފެކްސް މެދުވެރިކޮށް ވެސް ގައުމީ ކޮމްޕްލައިންޓްސް ބިޔުރޯ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.