04 Sep 2013, 11:05
އައިޖީއެމްއެޗުގައި އާ މިސްކިތެއް އެޅުމަށް، އެ ހޮސްޕިޓަލްގައި ބަހައްޓާފައި ހުރި ފަންޑު ފޮށި ވަގަށް ނެގި ދެ މީހުންގެ ވީޑިއޯ ފުލުހުން އާއްމުކޮށްފި އެވެ.
ފުލުހުންގެ ބުނީ އެ ދެ މީހުންނަކީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސި 6:30 އެހާކަންހާއިރު އައިޖީއެމްއެޗްގައި ބަހައްޓާފައި ހުރި ފަންޑު ފޮށި ވަގަށް ނަގާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ ދެ މީހުން ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ފަންޑު ފޮށި ވަގަށް ނަގާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެވީޑޯ އިން ފެންނަ ގޮތުގައި އެއްވެސް ހާސް ކަމެއް ނެތި، ވަރަށް 'ހަމަޖެހިލައިގެން ތިބި ދެ މީހަކު ފަންޑު ފޮށި ނެގުމަށް ހަރަކާތްތެރިވެ އެވެ. އަދި އޭގެ ތެރެއިން އެކަކު ފަންޑު ފޮށި ނަގައިގެން ހޮސްޕިޓަލުގެ ފާހާނާއަކަށް ގެންދެ އެވެ. ދިގު މިނުގައި ތިން ފޫޓް، ފުޅާމިނުގައި ފޫޓެއް ހުންނަ އެ ފޮށި ކަޅު ކޮތަޅަކަށް ލައިގެން އެ މީހުން ފިލާ 'މަންޒަރު ވީޑިއޯއިން ފެނެ އެވެ.
http://www.youtube.com/watch?v=-lATw7UG-DA#t=86
މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
އެ ދެ މީހުންނާބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މިފަދަ ކަންކަމަށް އާއްމު ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.