ނ. ކެނދިކުޅުދޫގައި މަސްތުގެ ހާލަތުގައި ހުރެ ބައްޕަ އަށް ހަމަލަދީ ޒަޚަމްކޮށްލި ކަމުގެ ތުހުމަތުގައި ދަރިފުޅު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު 1:26 ހާއިރު ހިންގި މަރާމާރީއަކާ ގުޅިގެން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކެނދިކުޅުދޫ ގެއެއްގެ ތެރޭ ހިނގި އެ މާރާމާރީގައި ޒަޚަމްކޮށްލާފައި ވަނީ 32 އަހަރުގެ މީހެކެވެ. އަދި އެ މާރާމާރީގައި 59 އަހަރުގެ މީހާއަށް މާބޮޑު އަނިޔާއެއް ލިބިފައެއްނުވެ އެވެ. އެމާރާމާރީ ހިންގި އިރު 32 އަހަރުގެ މީހާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް އެ އަތޮޅު ޅޮހީ މެޖިސްޓްރޭޓް ކޯޓުން ދެ ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.