04 Sep 2013, 10:49
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަބްދުﷲ ރިޔާޒު ހަމަޖައްސާފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ން ބުނެފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުތެރޭ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ރިޔާޒު ހަމަޖައްސާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މީޑިއާގައި އެ ދުވަސްވަރު ވާހަކަތައް ދެކެވުނު ނަމަވެސް، އެ ކޮމިޝަނުން ބުނީ އެމައްސަލަ އެކޮމިޝަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށެވެ.
ނަމަވެސް އެމައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބަލަންޖެހޭ މައްސަލައެއްތޯ ބެލުމުގެ ގޮތުން ކަމާބެހޭ ބައެއް ލިޔެކިޔުންތައް ކޮމިޝަނުން ހޯދާފައިވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.
އެކޮމިޝަނުން އަދި ބުނީ ލިޔެކިޔުންތައް ބެލިއިރު ރިޔާޒު އެމަގާމަށް ހަމަޖައްސާފައިވަނީ ފުލުހުންގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) އާއި (ށ) އާ އެއްގޮތާވާ ގޮތިގެ މަތިން ކަމަށެވެ.
އެގާނޫނުގެ (ހ) ގައި ބުނެފައިވަނީ، ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވާ ދުވަހުން ދުވަހަށް ހިންގާ ބަލަހައްޓާނެ އެންމެ އިސްވެރިއެއްގެ ގޮތުގައި ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ.
އެގާނޫނުގެ (ށ) ގައި ބުނެފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އައްޔަނުކޮށް ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.