04 Sep 2013, 10:16
މޮސްކޯ (ސެޕްޓެމްބަރ 4): ސޫރިޔާ އަށް ޙަމަލާދިނުމަށް އެމެރިކާ ތައްޔާރުވަމުންދަނިކޮށް ރަޝިޔާ އިން ޢަސްކަރީ މަނަވަރުތައް މެޑިޓަރޭނިޔަން ކަނޑުގައިވާ ސޫރިޔާގެ އައްސޭރިފަށަށް މިސްރާބު ޖަހާފައިވާ ކަމަށް އެގައުމުގެ ދިފާޢީ ވުޒާރާ އިން ބުނެފި އެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނަކު ވިދާޅުވީ ރަޝިޔާގެ ބޯލްޓިކް ކަނޑުގެ ފްލީޓާއި ކަޅުކަނޑުގެ ފްލީޓްގައި ހިމެނޭ ދެމަނަވަރު ސޫރިޔާގެ އައްސޭރި ފަށަށް މިސްރާބު ޖަހާފައިވާ ކަމުގަ އެވެ. ހެލިކޮޕްޓަރު ޖެއްސޭ ގޮތަށް ފަރުމާކޮށްފައިވާ މިދެމަނަވަރަކީ "މިންސްކް" އާއި "ނޮވޮޗިރްކާސްކް" ކަމަށާ މިއީ ބަސްމެރިން ގޮއްވާލުމުގެ ޤާބިލްކަމާއި ކަނޑުގެ މަނަވަރުތަކަށް ވެސް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ދެމަނަވަރު ކަމަށް ރަޝިޔާގެ ތަރްޖަމާން ވިދާޅުވި އެވެ.
މި ދެ މަނަވަރުގެ އިތުރުން ރަޝިޔާގެ ޖާސޫސީ މަނަވަރެއް ކަމަށްވާ "އެސްއެސްވީ201 ބިރިޔަޒޮވީ" ވެސް ވަނީ މިދިޔަ އާދީއްތަ ދުވަހު މެޑިޓަރޭނިޔަން ކަނޑުގައިވާ ސޫރިޔާގެ އައްސޭރިފަށަށް މިސްރާބު ޖަހާފަ އެވެ. ރަޝިޔާގެ ޖާސޫސީ މިމަނަވަރަކީ ސެޓަލައިޓްގެ އެހީގައި ޖާސޫސުކުރުމާއި މަޢްލޫމާތު ހޯދުމުގެ އިތުރުން ޢަސްކަރި ހަރަކާތްތައް ބަލައި މޮނިޓާ ކުރުމުގެ ޤާބިލްކަން ލިބިގެންވާ މަނަވަރެއް ކަމަށް ޚަބަރުލިބެ އެވެ. ރަޝިޔާގެ މިޙަރަކާތްތަކާ ގުޅިގެން އެމެރިކާ ވަނީ ސޫރިޔާ ސަރުކާރަށް ހަތިޔާރު އިތުރު ފޯރުކޮށް ދިނުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށްކޮށްފަ އެވެ.
އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވަނީ ރަޝިޔާ އިން ސޫރިޔާ ސަރުކާރަށް ތާއީދުކުރާކަން ހާމަކުރުމަކީ މައްސަލައެއް ކަމަށާ އަދި ރަޝިޔާ އިން ސޫރިޔާ ސިފައިންނަށް ހަތިޔާރު ފޯރުކޮށްދީފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރަޝިޔާއިން ވަނީ އެމެރިކާ ސޫރިޔާ އަށް ޙަމަލާ ދިންނަމަވެސް ސޫރިޔާގެ ހަނގުރާމައިގެ ރަޝިޔާ ތެރެއަށް ނުވަންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ރަޝިޔާ އިން ސޫރިޔާ ސިފައިންނަށް ޒަމާނީ ހަތިޔާރު ފޯކޮށްދިނުމަކީ ކޮށްފާނެ ކަމެއް ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އެމެރިކާގެ ކޮންގްރެސް އިންވަނީ ސޫރިޔާ އަށް ޙަމަލާ ދިނުމަށް އޮބާމާގެ ސަރުކާރަށް ހުއްދަދޭ ޤަރާރެއްގެ ދެލިކޮޕީ ތައްޔާރުކޮށްފައި ކަމަށާ މިދެލިކޮޕީ މިމަހުގެ 9ގައި ބާއްވާ ކޮންގްރެސްގެ ޖަލްސާއިން ފާސްކުރާނެ ކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)