21 Nov 2010, 08:07
މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ ދޫކޮށް އެހެން ތަނަކަށް ދިވެހިން ހިޖުރަކުރުމަކީ ހައްލެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑެންމާކުގެ ދެ މިނިސްޓަރުން ކަމުގައިވާ ކުލައިމެޓް އެންޑް އެނާޖީ މިނިސްޓަރު ލައިކް ޕުރިސްއާއި މިނިސްޓަރު އޮފް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ސޯއިން ޕިންއާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ 2000 އަހަރަށް ވުރެ ދިގު ތާރީހެއް ލިބިގެންވާ ބަޔަކަށް ވީހިނދު، ދިގު ތާރީހާ އެކު ދިވެހިން އެހެން ތަނަކަށް (ގައުމަކަށް) ބަދަލުވުމަކީ ހައްލެއް ނޫން ކަމަށާއި އަދި އެއީ ވާނެ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކުން އިތުރު ރަށްތައް ތަރައްގީ ކުރަމުންދާ ދަނޑިވަޅެއްގައި ރަށްރަށުގެ ރައްޔިތުން އިތުރަށް އާބާދު ނުވެވޭ ވަރަށް ރަށްތައް ގިރިގެންދިއުމަކީ އެކަށީގެންވާ ކަމެއްތޯ ބަލަން ޖެހޭ ކަމަށާއި ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެ ކަންތައްތަކަށް އަލިމަގެއް ފެންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކަށް ހައްލެއް ހޯދުމަށް ޑެންމާކުގެ ކޯޕަންހޭގަންގައި ގައުމުތަކުން އެއްބަސްވެފައިވާ ކަންތައްތަކަށް ލަސްނުކޮށް އަމަލު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މެކްސިކޯގެ "ކަންކުން"ގައި ބާއްވާ މޫސުމީ ބައްދަލުވުމުގައި ވެސް އެ ކަންތަކަށް އިންކާރު ނުކޮށް އަމަލީ ސިފަ ގެނައުމުގެ ފިކުރު ގައުމުތަކުން ގެންގުޅުމަކީ އެ މަނިކުފާނު އުންމީދު ކުރައްވާ ކަމެއް ކަމަށެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޑެންމާކުގެ މިނިސްޓަރު އޮފް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ސޯއިން ޕިން ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅިގެން އެކި ގައުމުތަކަށް ލިބޭ ގެއްލުންތަކަށް އެ ގައުމުން އެހީތެރިވެދޭނެ ކަމަށެވެ. އެ ގޮތުން އެހީތެރިވުމަށް ނިންމާފައި ވަނީ ކެންޔާ އާއި އިންޑަނޭޝިޔާ އާއި ދިވެހިރާއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ގައުމުތަކަށް ޖުމުލަ 40 މިލިއަން ޑޮލަރުގެ އެހީވެދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.