04 Sep 2013, 09:41
މިއަދު ހަވީރު ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި، ސްރީލަންކާއާ ދެކޮޅަށް ނެރުނު ފަދަ ތަފާތު ބޮޑު ނަތީޖާއެއް ނެރެވިދާނޭ ކަމަށް އުންމީދު ނުކުރާ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 10-0 އިން ލަންކާ އަތުން މޮޅުވެފައިވާއިރު އެ މެޗުގައި ދަގަނޑޭ ވަނީ ދެ ހެޓްރިކް ހަދައި، އޭގެ އިތުރުން 14 ލަނޑު ކާމިޔާބު ކޮށްގެން މި މުބާާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްވެސް މުގުރާލައިފަ އެވެ.
"ލަންކާއާ ދެކޮޅަށް އަޅުގަނޑުމެން ވަރަށް ރަނގަޅު ގޭމެއް ކުޅެ 10 ލަނޑު ޖެހިން. އެކަމަކު އޭގެ މާނައަކީ، ބޫޓާން ކޮޅަށްވެސް އެހާ ގިނަ ލަނޑުތަކެއް ޖެހިދާނެއެކޭ ނޫން،" ކެޕްޓަން ދަގަނޑޭ ބުންޏެވެ.
ދަގަނޑޭ ބުނީ އެއްވެސް ޓީމަކީ ބަލި ޓީމެއް ކަމަށް ވިސްނައިގެން މެޗަށް ނާރާނެ ކަމަށާއި އެހެން ކަމުން ބޫޓާނާ ދެކޮޅަށް ވެސް ނުކުންނާނީ އެއީ ވަރުގަދަ ޓީމެއް ކަމަށް ދެގިގެން ކަމަށެވެ.
"އަޅުގަނޑުމެން ނުދެކެން ބޫޓާނަކީ ބަލި ޓީމެއްގެ ގޮތުގައެއް. ހުރިހާ ކުޅުންތެރިންގެ ވިސްނުންވެސް ހުރީ، މުބާރާތުގައި ކުޅޭ ހުރިހާ ޓީމް ތަކަކީވެސް ވަރުގަދަ ޓީމު ތަކަކަށް ވާނޭ ކަމަށް. އަޅުގަނޑުމެންގެ އަމާޒިކީ މި މެޗުން މޮޅުވުން،" ދަގަނޑޭ ބުންޏޭވެ.
ގައުމީ ޓީމުގެ ކެޕްޓަން ވަނީ ލަންކާއާ ދެކޮޅަށް ނެރުނު ފަދަ ތަފާތު ބޮޑޫ ނަތީޖާއެއް މިއަދުގެ މެޗުން ނެރެވިދާނޭ ކަމަށް އުންމީދު ނުކުރުމަށް ސަޕޯޓަރުންގެ ފަރާތުން ވެސް އެދިފަ އެވެ.
"އަޅުގަނޑުމެން އެދެން ހުރިހާ ސަޕޯޓަރުންވެސް ޓީމާއެކު ތިގޮތުގައި ތިބުމަށް. އަޅުގަނޑުމެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން މިއަދުގެ މެޗުން މޮޅުވާން. އެކަމަކު ސަޕޯޓަރުން އުންމީދު ކޮށްގެން ނުވާނެ ލަންކާއާ ދެކޮޅަށް ޖެހިވަރަށް ބޫޓާން ކޮޅަށް ލަނޑުތަކެއް ޖެހިދާނެ ކަމަށް،" ގައުމީ ޓީމްގެ ހުނަރުވެރި ފޯވަޑް ބުންޏެވެ.