ވޮޝިންޓަން (ސެޕްޓެމްބަރ 4): ސޫރިޔާ އަށް ޙަމަލާދިނުމުގެ ހުއްދަ ކޮންގްރެސްއިން ދިންނަމަވެސް މިކަމުގައި އެމެރިކާގެ އެއްގަމުގެ ސިފައިން ބޭނުންނުކުރާނެ ކަމަށާ އެއްގަމުމަގުން ސޫރިޔާ އަށް އަރައިގަތުން އެމެރިކާގެ ޢަސްކަރީ ޕްލޭންގައި ނުހިމެނޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.

ސޫރިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ކެމިކަލް ހަތިޔާރުން ޙަމަލާދީފައިވާ ކަމަށް ހުޅަނގުން ބުނާ މައްސަލާގައި ސޫރިޔާ ސަރުކާރާ ދެކޮޅަށް ޙަމަލާ ދިނުމުގެ ބޭނުންތެރިކަން ކޮންގްރެސްއަށް ވިސްނައިދިނުމުގެ ގޮތުން ކޮންގްރެސްގައި ބޭއްވި އަޑުއެހުމުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ ސޫރިޔާ އަށް ޙަމަލާދިނުމުގެ ހުއްދަ ކޮންގްރެސްއިން ދިންނަމަވެސް ސޫރިޔާ އަށް އެއްގަމުމަގުން އަރައިގަތުމާއި ސޫރިޔާ އަށްދޭ ޙަމަލާއެއްގައި އެމެރިކާގެ އެއްގަމު ސިފައިން ބައިވެރި ކުރާގޮތަށް ހަމަޖެހިފައިނުވާ ކަމުގަ އެވެ.

ކެރީ މިމޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ސޫރިޔާ އަށް ދޭ ޙަމަލާއެއްގައި އެމެރިކާގެ އެއްގަމު ސިފައިން ބައިވެރި ކުރުމުގެ ފުރްސަތު ވެސް އޮތްކަމަށް ވިދާޅުވެ އޭނާ ވާހަކަ ދެއްކެވިތާ 24 ގަޑީއިރު ވެސް ނުވަނީހެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވީ އެމެރިކާ އިން ސޫރިޔާއަށް ޙަމަލާދިނުމުގެ މަޤްސަދަކީ ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލުން ނޫން ކަމަށާ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމަށް އަދަބު ދިނުން ކަމުގަ އެވެ.

މިގޮތުން ސޫރިޔާ ސަރުކާރު ސިފައިންގެ ޢަސްކަރީ ބާރު ކުޑަކޮށް ބައްޝާރުގެ ވެރިކަން ބަލިކޮށްލުމަކީ ސޫރިޔާ އަށް އެމެރިކާ ދިނުމަށް ރާވާފައިވާ ޙަމަލާތަކުގެ މަޤްސަދު ކަމަށާ އަދިކެމިކަލް ހަތިޔާރުން ޙަމަލާދިނުމުގެ ޤާބިލްކަން ސޫރިޔާ ސިފައިންގެ ކިބައިން ކަނޑުވާލުމަކީ ވެސް އެމެރިކާގެ މަޤްސަދެއް ކަމަށްޖެނެރަލް ޑިމްޕްސީ ވިދާޅުވި އެވެ. ސޫރިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުން ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެމެރިކާ ސިފައިންސޫރިޔާ އަށް ޙަމަލާދިނުމުގެ ހުއްދައަށްއެދި އޮބާމާގެ ސަރުކާރުންވަނީ ކޮންގްރެސްއަށް ހުށަހަޅާފަ އެވެ. ކޮންގްރެސްއިން މިކަމާމެދު ގޮތެއް ނިންމުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 9 ވަނަ ދުވަހު ބާއްވާ ޖަލްސާގަ އެވެ. ކޮންގްރެސްގެ އިސް މެންބަރުން ގެންދަވަނީ ސޫރިޔާ އަށް އެމެރިކާ ސިފައިން ޙަމަލާދިނުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

އެހެންކަމުން ސޫރިޔާއަށް ޙަމަލާދިނުމަށް ކޮންގްރެސްގެ ތާއީދު އޮބާމާގެ ސަރުކާރަށް ލިބޭނެ ކަމަށް މުރާސިލުން ލަފާކުރެ އެވެ. (ރޮއިޓާސް)