ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިއަދު ހަވީރު ބޫޓާނާ ދެކޮޅަށް ނުކުންނަ އިރު އެ މެޗަކީ އެހާ ފަސޭހަ މެޗަކަށް ނުވާނެ ކަމަށް ގައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފި އެވެ.

ބޫޓާނަކީ މިސަރަހައްދުގެ ފުޓްބޯޅަ ރޭންކިން ގައި އެންމެ ފުލުގައި އޮތް ގައުމުކަމަށް ވީ ނަމަވެސް ކޯޗު ބުނީ، އެޓީމާ ދެކޮޅަށް ކުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެހެން ނަމަވެސް އެ މެޗުން ތިން ޕޮއިންޓް ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"އަހަރެން ބޫޓާން ޓީމަށް އިހްތިރާމް ކުރަން. އަދި ކުޅުންތެރިން ކައިރީވެސް ބުނަމުން މިގެންދަނީ، މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނޭ. އަހަރެމެންގެ އެބަހުރިި ހުނަރާއި ހިލްމާއި ތަޖުރިބާ. އަދި ޝައްކެއްވެސް ނެތްގޮތުގައި އަހަރެމެންނަކީ މޮޅު ޓީމަކީ. އެކަމަކު އަހަރެެން އެބަ ޖެހޭ އެހުރިހާ ކަމެއްގެ ބޭނުން ފުރިހަމައަށް ހިފައިގެން ދަނޑުމަތީގައި އެކަން ސާބިތު ކޮށްދޭން،" ގައުމީ ޓީމުގެ ހަންގޭރީ ކޯޗު ބުންޏެވެ.

ކޯޗު ބުނީ، ރަނގަޅު ނަތީޖާ ނެރެވޭނީ ދަނޑުމަތީގައި ހޭދަކުރާ ކޮންމެ ވަގުތުކޮޅެއްގެ ބޭނުންވެސް އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން އަމާޒަށް ވާސިލް ވުމަށް ގަދައަޅައި މަސައްކަތް ކުރުމުން ކަމަށެވެ.

"ނަތީޖާ އަކީ އަހަރެންގެ އަމާޒެއް ނޫން. އެކަމަކު ނަތީޖާ ހާސިލް ކުރުމަށް އަހަރެމެން ކުރަން ޖެހޭ ކަންތައްތައް ކޮށްފިއްޔާ ރަނގަޅު ނަތީޖާ ނުކުންނާނެ. މީގެ މާނައަކީ އަހަރެން މޮޅުވާން ބޭނުން ނުވަނީއެކޭ ނޫން. އަހަރެން ބޭނުންވޭ ހުރިހާ މެޗެއްވެސް ކާމިޔާބުކުރަން،" ކޯޗު ބުންޏެވެ. "ފުރަތަމަ އަހަރެން ބޭނުންވަނީ، ދަނޑުމަތީގައި ކުރަންޖެހޭ ހުރިހާ ފުރުސަތެއްގެ ބޭނުން ރަނގަޅަށް ހިފުން. އެހެން ވެއްޖެ ނަމަ މެޗު ކާމިޔާބު ކުރެވޭނެ."

ކޯޗުބުނީ، ކުޅުންތެރިންނަށް ވިސްނައިދީފައިވާނީ ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަކީ މޮޅުވުން މުހިއްމު އެހެން ނަމަވެސް އުނދަގޫ މެޗަކަށް ވާނޭކަމެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އަަވަށްޓެރި އަދި ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖެއާ އެންމެ ވާދަވެރި ސްރީލަންކާ އަތުން 10-0 އިން މޮޅުވެފައި ވީނަމަވެސް ކޯޗު ބުނީ، ބޫޓާނާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުލާނޭ ކަމަށެވެ.

މީގެ ކުރިން ރާއްޖެއާ ބޫޓާނާ ކުޅުނު މެޗުތަކަށް ބަލާއިރު، 1984ގެ ސާފް ގޭމްސްގައި މިދެޓީމް ވާދަކުރި މެޗު ރާއްޖެ ކާމިޔާބުކުރީ 1-0 އިން ނެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާ ވާދަކޮށް ރާއްޖެ މޮޅުވެފައިވަނީ 6-0 އިންނެވެ. އަދި 2009 ވަނަ އަހަރުގެ ޗެލެންޖްކަޕް ކޮލިފައިންގައި އެޓީމު އަތުން ރާއްޖެ މޮޅުވީ 5-0 ލަނޑުންނެވެ.

ކޯޗު ބުނީ މިއަދު މެޗަށް ނުކުންނައިރު ޓީމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައުން އެކަށީގެންވާ ކަމަށާއި، އެހެން ނަމަވެސް މާކަ ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމަށެވެ.

ބޫޓާނާ ދެކޮޅަށް ރާއްޖެއިން ނެރޭނެ ކަމަށް ލަފާ ކުރެވޭ ފުރަތަމަ 11:

މުހައްމަދު އިމްރާން (އިންމަ)، މުހައްމަދު ސިފާން (ކުޑައްޓޭ)، އަކުރަމް އަބްދުލް ޣަނީ (އަކޫ)، ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު ރަޝީދު (ހޮކޭ)، އިސްމާއީލް އީސާ (މެސީ)، މުހައްމަދު އުމެއިރު، މުހައްމަދު އާރިފް (ބަކާ)، އަލީ ފާސިރު (ސެންޓޭ)، އަޙްމަދު އިމާޒު، (އާއްކޮ) އަދި އަލީ އަޝްފާގް (ދަގަނޑޭ) އެވެ.