ރާއްޖޭއަކީ މާގިނަ ވަސީލަތްތަކެއް އޮތް ގައުމެއް ނޫނެވެ. ނަމަވެސް ގުދުރަތީ ރީތި ރަށްތަކާއި ކަނޑުފަޅުން ނަފާ ހޯދުމަށް ޝައުގުވެރިވާ އެތައް ބަޔަކު އެބަތިބި އެވެ. ބޭނުން ވަނީ އެކަން ކުރަން ޝައުގުވެރިވާ ބަޔަކު ގެނައުމެވެ.

ޓޫރިޒަމް ތައާރަފް ކުރުމަށް އިންވެސްޓަރުން ހޯދުމަށް އިއުލާން ކުރުމުން ޝައުގުވެރިވާ ފަރާތްތައް ވަރަށް ގިނަ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުގައި އިންވެސްޓްކުރަން ހުޅުވާލި ނަމަވެސް އެތައް ބަޔަކު ޝައުގުވެރިވެ އެވެ. ނަމަވެސް އިންވެސްޓަރުން ހޯދަން ޝައުގުވެރިކަން އިތުރަށް ހޯދަން ކުރެވޭ މަސައްކަތްތައް ވަރަށް މަދެވެ.

"ރާއްޖެއަކީ އިންވެސްޓަރުން ޝައުގުވެރިވާ މަންޒިލަކަށް ހަދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައި. މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަންތައްތަކެއް އެބަހުރި. ފުރަތަމަ ކަމަކަށް ސަރުކާރުން އެ ކަމަށް އިސްނަގައިގެން މަސައްކަތްކުރާނެ އިދާރާއެއް ގާއިމުކުރަން ޖެހޭ،" އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސާދު ފުޅާކުރުމަށް ސަރުކާރުގެ ސިޔާސަތުތައް މިހާރަށް ހާމަކޮށް ފެންނަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ކުއްޔަށްދޭ މުއްދަތާއި އެ ފަރާތްތަކަށް ލިބޭނެ އިނާޔަތްތަކާއި ގާނޫނީ ގޮތުން ލިބޭނެ ހިމާޔަތްތައް ކަނޑައަޅަން ޖެހޭ ކަމަށް ތަޖުރިބާކާރު ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބޭރުގެ އެތައް ބަޔަކު އިންވެސްޓްކޮށްފައި އެބަހުރި. އެ ފަރާތްތަކުން މިހާރު ވެސް ބޭނުންވޭ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކޮށްދޭން. އެ މީހުން ބޭނުންވާ ވަރަށް ކުދި ކަންތައްތަކެއް ހަމަޖެއްސުމުން ޖީއެސްޓީގެ ގޮތުގައި 15 ޕަސެންޓް ވެސް ދޭން ތައްޔާރަށް އެބަތިބި. އެކަމަކު އެކަންތައް ކުރެވެން އޮތީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން. މިހާރު އޮތް ގޮތުން މިނިސްޓަރަކަށް ގާނޫނީ ގޮތުން ލިބޭ މާބޮޑު ބާރުތަކެއް ނެތް،" ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވި އެވެ.

ރާއްޖޭގައި ރިއަލްއެސްޓޭޓާއި ޓޫރިޒަމް އަދި މަސްވެރިކަމުގެ ދާއިރާ އާއި އުފެއްދުންތެރިކަމުގެ ދާއިރާއަކީ މިހާރު ވެސް އެކި ފަރާތްތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދާ ވިޔަފާރިތަކެކެވެ. ނަމަވެސް އެ ދާއިރާތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ފަސޭހަކައިން ފައިސާ ލިބޭނެ ގޮތްތަކެއް ހޯދައިދޭން ވަނީ ޖެހިފަ އެވެ.

"މި ސަރަހައްދުގެ ގިނަ ގައުމުތަކުގައި އިންޑަސްޓްރީތަކަށް އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހެދުމަށް އިންވެސްޓްމަންޓް ބޭންކުތައް ވަނީ ތައާރަފްކޮށްފައި. ހަމައެއާއެކު ގާނޫނީ ގޮތުން ވަރަށް ގިނަ ހިމާޔަތްތަކެއް ލިބިދޭ. އޭގެ ސަބަބުން އިންވެސްޓަރުން އެތަންތަނުގައި މަސައްކަތް ކުރަނީ ވަރަށް ހިތްހަމަޖެހިގެން،" ކުރިން ވާހަކަދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

އިންވެސްޓަރުން ޝައުގުވެރި ކުރުމަށް ތަފާތު ގިނަ ވައުދުތަކެއް ރިޔާސީ ކެންޑިޑޭޓުން ދަނީ ވަމުންނެވެ. އަދި އިންވެސްޓަރުންނަށް ތަފާތު އެކި ދާއިރާތައް ހުޅުވާލާނެ ކަމަށް ވެސް ދަނީ ވިދާޅުވަމުންނެވެ. އަދި އިންވެސްޓަރުން ޝައުގުވެރިކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަގުނަ ކަމަށް އެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވަ އެވެ. އަދި ރާއްޖޭގެ އިގްތިސާދީ މައްސަލަތައް ހައްލުކުރެވެން އޮތީ ޑޮލަރު ލިބޭނެ އިތުރު ގޮތްތަކެއް ތައާރަފްކޮށްގެން ކަމަށް ހުރިހާ ކެންޑިޑޭޓުން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

ޓީވީއެމް އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ބޭއްވި ބަހުސްގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ ސިޔާސަތަކީ ކޮބައިތޯ، މޮޑަރޭޓަރު ހީނާ ވަލީދު ސުވާލުކުރުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަދި މިނިވަން ކެންޑިޑޭޓް ރައީސް މުހައްމަދު ވަހީދު ވެސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު އިތުރުނުކޮށް ޑޮލަރުގެ މައްސަލަ ހައްލުކުރެވެން ނެތް ކަމަށެވެ.

އެ މައްސަލައާ ބެހޭ ގޮތުން ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގައި ހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެން ބޭރުގެ ގިނަ އިންވެސްޓަރުން ރާއްޖެ އަށް ގެނެސް އިތުބާރު ހުރި ފަސޭހަ ގޮތްތަކެއް ރާއްވަވާނެ ކަމަށެވެ. އަދި އިންވެސްޓަރުންނަށް ފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމަށް ވިޔަފާރީގައި ކުރިމަތިވާ އެކި މައްސަލަތައް ވީހާ ވެސް އަވަހަކަށް ޝަރުއީ ދާއިރާ އިން ހައްލު ކުރެވޭނެ ގޮތްތަކެއް ޕީޕީއެމްގެ ވެރިކަމެއްގައި ގާއިމް ކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ނެތި ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ އެހެން ގޮތެއް ނުފެންނަ ކަމަށެވެ.

"ފައިސާގެ އަގަށް ބަދަލު ނުގެނެސް ރާއްޖޭގައި ބޭރު ފައިސާ ގިނަ އަދަދަކަށް ގެންގުޅެވޭނެ ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަނީ، ދައުލަތުގެ އިސްރާފު ކުޑަކޮށްފައި، އަޅުގަނޑުމެންގެ އެގްރިގޭޓް ޑިމާންޑް ކުޑަކޮށްފައި ރާއްޖޭގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނެސްގެން އާ ވަސީލަތްތައް މެދުވެރިކޮށް ޑޮލަރު ރާއްޖެ އަށް ވަންނާނެ ގޮތް ހެދުން. މި ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ޑޮލަރެއް އިތުރެއް ނުކުރެވޭނެ އަދި ފައިސާގެ އަގެއް ވެސް ނުހިފެހެއްޓޭނެ،" ޔާމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި އެއާއެކު އިންވެސްޓަރުން ޝައުގުވެރި ކުރުމަށް އިންވެސްޓްމަންޓް ގާނޫނުތަކަށް އިސްލާހު ގެންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ މައްސަލަތަކަށް ބަލާއިރު މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ފައިސާ ބޭންކުތަކުން ލިބުމުގެ ދަތި ކަމެވެ. އެ މައްސަލައަށް ހައްލު ގެނެވެން އޮތީ އިތުރު އިންވެސްޓަރުން ރާއްޖެ ގެނެސް ކަމަށް ހުރިހާ ރިޔާސީ ކެންޑިޑޭޓުން އެއްބަސްވެވަޑައިގަންނަވަ އެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ އިންވެސްޓަރުން އަންނާނީ އެ ފަރާތްތަކުގެ އިންވެސްޓްމަންޓް ހިމާޔަތްކުރެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ. އެކަން ޔަގީންކޮށް ދިނުމަށް ގާނޫނުތައް އިސްލާހުކޮށް ޝަރުއީ ދާއިރާގެ އިތުބާރު ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިހާރުން މިހާރަށް ބަލާއިރު ވެސް ރަނގަޅު ގާނޫނުތަކެއް ހެދިފައި އެބަހުރި. ބައެއް ކަންތައްތައް އިސްލާހުކުރަނިކޮށް ރަނގަޅުވާނެ. ދިގު މުއްދަތުގެ ޕްލޭނެއް ހަދައިގެން މަސައްކަތްކޮށްފި ނަމަ ރާއްޖެއަކީ ކާމިޔާބު މަންޒިލަކަށް ހެދިދާނެ،" އެ ބޭފުޅާ ވިދާޅުވި އެވެ.