03 Sep 2013, 21:50
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ރ. މީދޫ ސައިބޯނިގޭ ޔޫނުސް އުމަރުގެ މައްޗަށެވެ.
ޔޫނުސް އުމަރުގެ މައްޗަށް އެ ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:17 އެހާކަންހާ އިރު ސްރީލަންކާގެ ކޮލަންބޯ އިން އެމިރޭޓްސް ފްލައިޓެއްގައި އޭނާ ރާއްޖެ އައި އިރު މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައާ ގުޅިގެންނެވެ.
އެ ފްލައިޓުން ޔޫނުސް އުމަރު ރާއްޖެ އައުމުން ކަސްޓަމްސްގެ އޮފިސަރުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު، ލައިގެން ހުރި ބޮކްސާގެ ތެރެ އިން ނަގައި، މާސްކިންޓޭޕް އަޅާފައިވާ އެއްޗެއް ފަހަތަށް ވައްޓާލި މަންޒަރު ދުށްކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އޭނާ ވައްޓާލި އެތީގައި ހުރި ތަކެތި ތަހުލީލު ކުރި އިރު އޭގައި 234 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އޭނާ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމުން ޔޫނުސް އުމަރު އަށް ވަނީ އަންގާފަ އެވެ.