03 Sep 2013, 21:05
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގައި ކުޅުނު ފައިނަލް މެޗުގައި ކްލަބު ސްޕައިކާއި ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކުލަބުން 19-25 ން ކާމިޔާބުކުރި ނަމަވެސް ދެ ވަނަ ސެޓްގައި ކްލަބު ސްޕައިކާ ވަނީ އެ ޓީމް ކުޅުން ރަނގަޅުކޮށް 17-25 ން ސެޓް ކާމިޔާބުކޮށް މެޗު އެއްވަރުކޮށްފަ އެވެ. ޖެހިގެން ކުޅުނު ސެޓް ޕޮލިސް ކުލަބުން 12-25 ން ކާމިޔާބުކުރި ނަމަވެސް ހަތަރު ވަނަ ސެޓްގައި ޕޮލިސް ކުލަބުގެ މައްޗަށް ކްލަބު ސްޕައިކާ ކުރި ހޯދާފައި ވަނީ 20-25 އިންނެވެ. އެ މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ސެޓް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކޮށްފައި ވަނީ ޕޮލިސް ކުލަބުންނެވެ. މި ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައި ވަނީ 12-15 އިންނެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ ހޮވުނުއިރު މި މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ހޮވިފައިވަނީ ވެސް ޕޮލިސް ކުލަބު މަރިޔަމް އަޒީފާއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ މަރިޔަމް އަޒީފާ އާއި ކްލަބު އޯލްސްޓާގެ ނުހާ ވަހީދު އާއި ހަމަ އެ ޓީމްގެ އައިޝަތު މަހާ އާއި ފާތިމަތު ރާނިޔާ އާއި ކްލަބު ސްޕައިކާގެ އައިޝަތު އިމްތިނާންގެ އިތުރުން ހައްވާ ޝަހާއެވެ.
މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އޯލް ސްޓާ ހޮވުނުއިރު މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޕޮލިސް ކުލަބުގެ ކޯޗު މައުމޫރު މުހައްމަދެވެ.