03 Sep 2013, 20:52
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޯހިޔާވަހިކަން ދީފައި އޮތީ އެއްވެސް ހަމައެއް ލަމައެއް ނެތް ގޮތަކަށް ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ދޭނީ އެ މީހެއް ކައިރިއަށް ގޮސް ހަގީގަތް ބަލައި އޮޅުން ފިލުވާފައި ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމް ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ނަސަންދުރާ ޕެލެސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ވިލިމާފަންނުގެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ފެއްޓި "ވެށި ފަހި މާލެ" ޕްރޮގްރާމަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ބަލާނުލާ ފެންނަ މީހަކަށް ފްލެޓް ދީފައިވުމުގެ ސަބަބުން ފްލެޓް ލިބެންޖެހޭ މީހުންނަށް ފުލެޓް ލިބިފައި ނުވާ ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުން އެ މީހެއްގެ ކައިރިއަށް ގޮސް ހަގީގަތްބަލައި ގޯތި ގެދޮރު ނެތިފައި ތިބި މީހުން ފާހަގަ ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"ވެށި ފަހި މާލެ ނަމުގައި އުފެދިގެން ދިޔަ ޕްރޮޖެކްޓެއްގެ ތެރެއިން، އެކުލަވާލި ފޯމެއް ފުރަން. އެ މީހުންދޭ މައުލޫމާތެއްގެ އަލީގައި ހަމައެކަނި އޮފީހުގެ ފިނިކޮޓަރީގައި ތިއްބަވައިގެން ބައްލަވަނީ. މީ މިކަމަށް ފުދޭ މީހެއް ކަމަށް. މައުލޫމާތު ސައްހަ ކަމާއި އެކު ސައްތައިން ސައްތަ ޔަގީން ކުރެވޭނެ އެއްވެސް ހަމައެއް މިދިޔަ މާޒީގެ ހާއްސަކޮށް މިދިޔަ ތިން އަހަރުގައި ވެށި ފަހި މާލޭގެ ނަމުގައި ކުރެވިފައެއް ނެތް. ހަމަ ފެންނަ މީހަކަށް ދޫކޮށްލާ އުސޫލު ވަރަށް ބޮޑަށް ފެނިގެންދިޔަ،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ހާއްސަ ސަމާލުކަމެއް ދެއްވައިގެން މާލެ މުނިސިޕަލްޓީ ހާއްސަ ދަފްތަރުގައި ޖެހިފައި ތިބި އާއިލާތަކަށާއި ހަގީގަތުގައި ވެސް ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ނިހާން މިއަދު ވިދާޅުވި އެވެ. ނަމަވެސް މާލޭ ދަފްތަރުގައި ޖެހިފައި ތިބީ ބޯހިޔާވަހިކަން ހަގީގަތުގައި ވެސް ނެތް ބޭފުޅުންތޯ އާއި އެބޭފުޅުންގެ އަމާޒަކީ ކޮބައިތޯ ބަލާނަނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"...މި ދަފްތަރުގައި ޖެހިފަ ތިބި މީހުންގެ ތެރޭގައި މާލޭގެ ގެދޮރުވެރިން އެބަ ތިބި. ކަންދިމާކުރި ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް އެބަ ތިބި. މާލެ މުނިސްޕަލްޓީ ހާއްސަ ދަފްތަރުގައި. އަމާޒަކީ ކޮން ބޭނުމެއްގަތޯ އެބޭފުޅުން ދަފްތަރުގަ ޖެހިފަ ތިބީ. އެކަން އަޅުނގަޑުމެން ސާފުކުރާނަން. ދަފްތަރުގައި އޮންނަން ނުޖެހޭ ބޭފުޅަކު ދަފްތަރުގަ ހުރެގެންނެ އަޅުނގަޑުމެން މި ބޯހިޔާވަހި ކަމެއް ފޯރުކޮށެއް ނުދޭނަން،" ނިހާން ވިދާޅުވި އެވެ.
ގާތްގަނޑަކަށް 62500ރ. މުސާރައެއްގެ ގޮތުގައި ލިބިވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ފަސް މެންބަރަކީ ހާއްސަ ދަފްތަރުގައި ހިމެނޭ ބޭފުޅުން ކަމަށް ޕީޕީއެމުން ބުންޏެވެ. އޭގެ ތެރޭގައި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަފީގް ހަސަން ހިމެނޭއިރު މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގާއި ކެލާ ދާއިރާގެ މެންބަރު އަބްދު ﷲ މައުސޫމު ވެސް ހިމެނެނީ މާލޭ ދަފްތަރުގަ އެވެ.
މިހާރު ސަރުކާރުން ދޫކޮށްފައިވާ ފުލެޓްތައް ހުރީ އަތް ނުފޯރާ ފަށުގައި ކަމަށް ފާހަގަކުރައްވާ ނިހާން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ފްލެޓް ރޭޓަކީ "ފްލެޓް ވެފައިވާ ރޭޓެއް" ކަމަށް ހައްދަވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ކަނޑައަޅާފައިވާ ގެދޮރުވެރި ކަމުން ހިތްފަސޭހަ ދިރިއުޅުމުގެ ސިޔާސަތުގެ ދަށުން ސުނާމީގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދާ ދޭނެ ކަމަށާއި ފަސް ދައުރުގެ އެންމެ ކުރިން ނިންމާލެވޭނެ އެއް ކަމެއްގެ ގޮތުގައި އެކަން ކަނޑައަޅާނެ ކަމަށެވެ. މީގެ އިތުރުން ޓީޗަރުންނާއި ފުލުހުންފަދަ ޔުނިފޯމުގައި ގައުމަށް ހިދުމަތް ކުރާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ އިތުރުން ގައުމަށް ރީތި ނަން ގެންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.