21 Nov 2010, 07:39
މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް ދެ ކުންފުންޏެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މިއަދު ބުނެފި އެވެ.
މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމަށް ދީފައިވާ މުއްދަތު އޮކްޓޫބަރު 31، 2010 ގެ ނިޔަލަށް ހަމަވިއިރު 3259 ކުންފުންޏަކުން އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ.
މިހާތަނަށް އަހަރީ ރިޕޯޓް ހުށަނާޅައި އޮތީ ކިތައް ކުންފުނިން ކަމެއް އެ އޮފިޝަލް ވިދާޅެއްނުވެ އެވެ. އަދި ރިޕޯޓް ހުށަނާޅައިގެން ޖޫރިމަނާ ކުރީ ކޮން ދެ ކުންފުންޏެއް ކަމެއް ވެސް ވިދާޅެއް ނުވި އެވެ.
"މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ ކުންފުނިތައް ފިޔަވާ އެހެން ކުންފުނިތަކުގެ ރިޕޯޓްތައް ބަލައިގަންނަމުން ގެންދަނީ ޖޫރިމަނާއާ އެކު. ބަންދުގެ ކުރިން ދެ ކުންފުންޏަކުން ވަނީ ޖޫރިމަނާއާ އެކު އަހަރީ ރިޕޯޓް ހުށަހަޅާފައި. އިތުރު ކުންފުނިތަކުން އަދި ހުށަހަޅަން ނުފަށާ،" އޮފިޝަލް ވިދާޅުވި އެވެ.
އޮކްޓޯބަރު 31، ފަހުން ކުންފުނިތަކުން ހުށަހަޅާ އަހަރީ ރިޕޯޓް ބަލައިގަންނާނީ ޖޫރިމަނާއާ އެކުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދުގައިވެ އެވެ.
ޕަބްލިކް ކުންފުނިތަކުން ޖޫރިމަނާގެ ގޮތުގައި 30،000ރ. އަދި ޕްރައިވެޓް ކުންފުނިތައް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.