ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ޕާކިސްތާނާ ދެކޮޅަށް ނޭޕާލް ކުޅުނު މެޗް 1-1 ލަނޑުން ދެ ޓީމް އެއް ވަރުވުމުން ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ނޭޕާލަށް އާވެއްޖެ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި ރާއްޖެގަޑިން މިއަދު ހަވީރު 5:45 ގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ޖަހާ ލީޑް ނެގީ ޕާކިސްތާނުންނެވެ. އެލަނޑު ޕާކިސްތާނަށް ކާމިޔާބު ކޮށްދިނީ ބަސީރު އެވެ.

ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ނޭޕާލުން ލަނޑު ޖަހާ ޕާކިސްތާނާ އަރާ ހަމަހަމަ ކުރީ މެޗުގެ އިތުރު މިނެޓުގެ ތެރޭގައެވެ. އެ ލަނޑު ނޭޕާލަށް ކާމިޔާބު ކޮށްދިނީ ދެ ވަނަ ހާފުގައި ކުޅެން ނިކުތް އުމުރުން 15 އަހަރުގެ ބިލާލް އެވެ.

މިނަތީޖާއާ އެކު ގްރޫޕް އޭގައި ނޭޕާލް އޮތީ ހަތަރު ޕޮއިންޓާއެކު އެއް ވަނަ މަގާމްގައެވެ. އަދި ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ދެ ވަނަ މަގާމް ގައި އޮތީ އިންޑިއާ އެވެ. ނޭޕާލަށް ގްރޫޕްގެ ކުރި ލިބެނީ ގޯލުގެ ތަފާތުން ނެވެ. މިގްރޫޕްގައި ދެ ން ހިމެނޭ ބަގްލަދޭސް އަދި ޕާކިސްތާނަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

ގްރޫޕް އޭގައި ހިމެނޭ ކޮށްމެ ޓީމެއްވެސް ދެ މެޗް ކުޅެ ނިމިފައި ވާއިރު، ކޮންމެ ޓީމަކަށް އަދި ބާކީ އެއް މެޗު ކުޅެން އެބައޮތެވެ. އެހެން ކަމުން އަންނަ ބުރާސްފަތި ދުވަހު ކުލެވޭ ގްރޫޕް އޭ ގެ މެޗްތަކަކީ ފޯރި ގަދަވާނެ މެޗްތަކެއް ކަމަށް ބެލެވެއެވެ.

ބުރާސްފަތި ދުވަހު ކުޅޭ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ އިންޑިއާ އާއި ނޭޕާލް އެވެ. އެ ދުވަހުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ބަންގްލަދޭސް އާއި ޕާކިސްތާނެވެ.

މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އަފްގާނިސްތާން އާއި ސްރީލަންކާ އެވެ. މިމެޗް ކުޅޭނީ ރާއްޖެ ގަޑިން 2:45 ގައެވެ. އަދި ގްރޫޕް ބީގެ ދެ ވަނަ މެޗުގައި މާދަމާ ރާއްޖެ ގަޑިން 5:45 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އަދި ބޫޓާނެވެ.


https://www.youtube.com/watch?&v=PGd30BUc5dc#t=85