03 Sep 2013, 17:07
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ބަންގްލަދޭޝް މޮޅުވާން ދަނިކޮށް އެންމެ ފަހު ވަގުތު އިންޑިއާއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-1 އެއްވަރުކޮށް، ބަންގުލަދޭޝް އަތްދަށުނުވެ، އިންޑިއާ ސަލާމަތް ވެއްޖެ އެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ އާމެޑް ފޯސަސް ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިއަދު 2:45 ގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބަންގްލަދޭޝުންނެވެ. އެ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ބަންގްލަދޭޝަށް ކާމިޔާބުކޮށް ދިނީ މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޯދި މެޓްސޫ އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ބަންގްލަދޭޝްއާ އަރާ ހަމަހަމަ ކުރި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ޗެމްޕިއަން އިންޑިއާއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ އެވެ.
މިއަދުގެ ނަތީޖާއާއެކު ގްރޫޕް އޭގައި އިންޑިޔާ އޮތީ މުބާރާތުގައި އެ ޓީމް މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެއް ވަނަ މަގާމްގަ އެވެ. ގްރޫޕްގެ ދެ ވަނަ މަގާމް ގައި އޮތީ ތިން ޕޮއިންޓާއެކު އޮތް ނޭޕާލެވެ. އެހެން ނަމަވެސް މިއަދު ރާއްޖެ ގަޑިން 5:45 ގައި ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗުން ނޭޕާލް މޮޅުވެއްޖެ ނަމަ އެ ޓީމަށް ގްރޫޕްގެ އެއް ވަނަ ލިބޭނެ އެވެ. ގްރޫޕްގެ ތިން ވަނަ މަގާމުގައި އެއް ޕޮއިންޓާއެކު އޮތީ ބަންގްލަދޭޝެވެ. އަދި ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޕާކިސްތާނެވެ.
ގްރޫޕް އޭގެ ފަހު މެޗުގައި މިއަދު ނޭޕާލާ ދެކޮޅަށް ޕާކިސްތާން ކުޅޭ މެޗުން، ޕާކިސްތާން ބަލިވެއްޖެ ނަމަ ޕާކިސްތާން މުބާރާތުން ކަޓާނެއެވެ. އެ ސަބަބަށްޓަކައި މިއަދުގެ މެޗުން ޕާކިސްތާނު މޮޅުވުން ލާޒިމެވެ.
ގްރޫޕް އޭގެ އެންމެ ފަހު މެޗްތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާއިރު، ފަހު މެޗުގައި ބައްދަލު ކުރާނީ ބްންގްލަދޭޝް އާއި ޕާކިސްތާނެވެ.