ކ. ކާށިދޫގައި 700 މީހުންގެ ޖާގައިގެ ލުއި ޖަލެއް އެޅުމަށް ހޯމް މިނިސްޓްރީން އައިމާ ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ޖަލު އިމާރާތް ކުރުމުގެ މަސައްކަތް އައިމާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 143 މިލިޔަން ރުފިޔާގެ އަގަކަށް ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

ކާށިދޫގައި ބިނާކުރާ ޖަލު ފަރުމާކޮށްފައި ވަނީ ގައިދީން ދަނޑުވެރިކަމުގެ މަސައްކަތް ކުރާ، ހާމަ ޖަލެއްގެ ގޮތުގައި ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ވިދާޅުވި އެވެ.

"ކާށިދޫ އަކީ ހަމަ ސީދާ އޯޕަން ޖެއިލް (ހާމަ ޖަލު) ކޮންސެޕްޓްގައި ހެދޭ ޖަލެއް، އެބިމުގެ ވެސް 90 ޕަސެންޓް އަޅުގަނޑުމެން ބޭނުންކުރާނީ ދަނޑުވެރިކަމަށް. ދެން ގިނަ ގައިދީން ހަމަ މަސައްކަތުގައި އުޅޭނީ. އެ މަސައްކަތުގެ ފައިދާ ވެސްވާ ގޮތަށް އެމީހުންނަށާ އެމީހުންގެ އާއިލާތަކަށް،" އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފަޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ޖަލެއް ގާއިމްކުރުމުގެ ބޭނުމަކީ ކުށްވެރިން ހުކުމް ތަންފީޒުކޮށްފައި ނުކުމެ، ފައިސާ ހޯދުމަށް އަލުން ކުށަށް އަރައި ނުގަންނާނެ ގޮތަކަށް، އެމީހުން އަތުގައި އާމްދަނީ ހުންނާނެ ގޮތެއް ހަމަ ޖެއްސުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮންސެޕްޓަކީ ކުށްވެރިން ހުކުމް ހަމަކޮށްފައި ނުކުންނަ އިރު އެމީހުންގެ އަތުގައި ވެސް އާމްދަނީ އެއް އޮވެ، އަނެއްކާ ވެސް ލާރި ހޯދުމަށް ޓަކައި ކުށަށް އަރައިގަންނަން ނުޖެހޭނެ ގޮތެއް ރޭވުން،" ފަޔާޒު ވިދާޅުވި އެވެ.

ޖަލު ހެދުމަށް ކާށިދޫ އިހުތިޔާރު ކުރީ ކުރިން އެކަމަށް ކަނޑައެޅި ރަށް ކަމަށްވާ ހއ. ނޭކުރެންދުއަކީ މީހުން އުފުލުމާއި ސިއްހީ ފަރުވާ ފަދަ ކަންތައްކަށް ފަސޭހަ ރަށަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތުން ބެލި އިރު މާލެ އަތޮޅުން އެންމެ ރަނގަޅު ބިމެއް ލިބެން އޮތީ ކާށިދޫން ކަމަށް ވާތީ ކެބިނެޓުން އެގޮތަށް ނިންމެވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ޖަލު ބިނާކޮށް ނިމުމުން އެތަނަށް މީހުން ބަދަލުކުރުމުގައި ބަލާނީ މީހުން ކޮށްފައިވާ ކުށުގެ ބާވަތާއި ޖަލުގައި އުޅުން ހުންނަ ގޮތް ބަލައިގެން ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ނުރައްކާތެރި އެތައް ކަމެއް ކުރިމަތިވަމުން ދަނީ ކުށްވެރިންނަށް ހައްގު އަދަބު ދިނުމުގެ ކުޅަދާނަކަން ނެތިގެން ކަމަށް ފަޔާޒު ވިދާޅުވި އެވެ. އެގޮތުން ޖަލުގައި ޖާގަ ނެތިގެން ޖަލަށް ނުގެނެވި އެތައް ބަޔަކު އެބަވާކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދިމާވަމުންދާ ވަރަށް ގިނަ ގުނަ ނުރައްކާތެރި މައްސަލަތަކެއް ދިމާވެގެން މިދަނީ ހަގީގަތުގައި ކުށްވެރިންނަށް ލިބެން ޖެހޭ ހައްގު އަދަބު ދިނުމުގެ ކެޕޭސިޓީ އަޅުގަނޑުމެންގެ ނެތިގެން، ޖަލުތައް ފުރިގެން، ޖަލުތައް ފުރިގެން ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންނަށް ޖަލަށް ނުގެނެވި މިއަދާ ހަމައަށް ވެސް އެބަތިބި،" ފަޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން ޖަލަށް ހުކުމް ކުރި އެންމެން ވެސް ޖަލަށް ގެންގޮސްފައިވާ ކަމަށާ އެހެން ނަމަވެސް ކުރިން ދޫވެފައި ތިބިމީހުންގެ ތެރެއިން އަދިވެސް 900 މީހުން އަނބުރާ ނުގެނެވިވާ ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވި ފަހުން ހުކުމް ކުރި އެންމެން ވެސް ތިބޭނީ ލާފައި، ޖަލަށް ހުކުމް ކުރި މީހެއް ވިއްޔާ ޖަލުގައި، ދެން އަރުވާލަން ކުރި ހުކުމްތައް އަޅުގަނޑުމެންނަށް ތަންފީޒު ނުކުރެވޭތީ ތިބީ ގޭ ބަންދުގައި، ދެން ގޭބަންދަށް ހުކުމް ކުރި މީހުން ވެސް ގޭގައި، އެހެން ނަމަވެސް އޭގެ ކުރިން ދޫވެފައި ތިބި މީހުންގެ ތެރެއިން އަޅުގަނޑުމެން 700 މީހުން ގެނައި މަވެސް އަދި 900 މީހުން އެބަތިބި،" ފަޔާޒް ވިދާޅުވި އެވެ.

އައިމާ ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލު ކުރި މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެކުންފުނިން ބުންޏެވެ.

ކާށިދޫ ޖަލު ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރް ފައިނޭންސް އިމްރާން އިބުރާހީމެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރް މުހައްމަދު ފަޔާޒެވެ.