ތ. ތިމަރަފުށީގައި މިއަދު ހުޅުވި އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓް ދެކޮޅަށް 2010 ރުފިޔާ އަށް ވިއްކަން ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ އެ އެއާޕޯޓަށް ދަތުރުކުރައްވާ ފަރާތްތަކުން 10 ދުވަސް ކުރިން ޓިކެޓް ނަގާ ނަމަ އެއްކޮޅު ޓިކެޓް 1005ރ. އަށް އަދި ދެކޮޅު ޓިކެޓް 2010ރ. އަށް ވިއްކާ ކަމަށެވެ. ނަޝާތު ވިދާޅުވީ 10 ދުވަހަށް ވުރެ ކުރު މުއްދަތެއްގައި ޓިކެޓް ނަގާ ނަމަ ތިމަރަފުށީ އެއްކޮޅު ޓިކެޓްގެ އަގަކީ 1264 ރުފިޔާ ކަމަށާއި އަދި ދެކޮޅުގެ ޓިކެޓް އަގަކީ 2528 ރުފިޔާ ކަމަށެވެ.

ނަޝާތު ވިދާޅުވީ މިވަގުތު ހަމަޖެހިފައިވާގޮތުން އެއެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ކުރާނީ ކޮންމެ ހުކުރު ދުވަހަކާއި އާދިއްތަ ދުވަހަކު ކަމަށެވެ.

ތިމަރަފުށީ އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވީ ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.