މ. މުލީގައި މުންނާރެއް އެޅުމަށް ވިލާ ފައުންޑޭޝަންގެ ފަރާތުން އެ ރަށު ކައުންސިލަށް 228،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މުލީ ކައުންސިލްގެ ރައީސް މޫސާ ނަސީރު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ވިލާ ފައުންޑޭޝަނުން އެ ކައުންސިލަށް 228000 ރުފިޔާ މީގެ ދެ ދުވަސް ކުރިން ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ އެ ރަށު މިސްކިތުގައި މުންނާރެއް ހެދުމަށް ހޯދި ފައިސާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެއް ހާ ދުވަސް ކުރިން އަޅުގަނޑުމެން އޮންނާނެ މުންނާރަށް އެހީއަކަށް ގާސިމްކައިރި އެދިފައި، ދެން މިހާރު އެ ފައިސާ ވަނީ ޖަމާކޮށްދީފައި،" ނަސީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ އެކި ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ވިލާ ފައުންޑޭޝަންގެ އެހީއަށް އެދިފައިވާ ތަންތަނަށް އެތަކެތި ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ)ގައި ކެންޑިޑޭޓުން ތާއިދު ހޯދުމަށް މަސައްކަތް ކުރުމުގައި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން އެހީތެރިވެދިނުން ނުހިމެނޭ ކަމަށާއި އެފަދަ ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށްވެރިވާނެ ކަމެއް ކަމަށް އެ ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ)ގެ 14 ވަނަ ނަންބަރުގައި ވަކި މީހަކަށް ވޯޓުލުމަށް ނުވަޔަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެންނުވާނެ ކަމަށާއި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ވެސް ނުވާނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގައި ވާ ގޮތަށް އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތަކުން ކުރާ ނުވަތަ ކުރަން ގަސްތުކުރާ ކަމަކާ ގުޅިގެން ވަކި ފަރާތަކަށް ފަސޭހައެއް ނުވަތަ ހެވެއް ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށް އެ މީހަކު އަމިއްލައަށް ނުވަތަ އެހެން މީހެއްގެ މެދުވެރިކޮށް ނުވަތަ އެހެން މީހެއްގެ ފަރާތުން ރިޝްވަތު ދިނުމާއި ދިނުމަށް ހުށަހެޅުމާއި ދިނުމަށް އެއްބަސްވުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ މާއްދާ ވެސް އެ ކޮމިޝަންގެ ބަޔާނުގައި ހިމަނާފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ތަރުޖަމާން އިބްރާހީމް ހަލީލު މިއަދު ސަން އަށް ވިދާޅުވީ ވިލާ ފައުންޑޭޝަނުން އިސްތިއުފާ ދެއްވިތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ވިލާ ފައުންޑޭޝަނުން ކުރާ ކަންކަމާ ގާސިމާ ގުޅުމެއް ނެތް ކަމަށެވެ.