އަންނަ ހޮނިހިރު ދުވަހު ބާއްވަ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ކުރިއަށް ގެންދިއުމުގައި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި އޮތް ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ. އަދި ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ފުއާދު ތައުފީގު ވިދާޅުވީ 2008، 2009 އަދި 2011 އާއި އަޅާ ބަލާއިރު ޕޮލިހުން މުއައްސަސާ އިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ އިންތިހާބަށް ޕޮލިހުންގެ ފަރާތުން ލިބުނު މައުލޫމާތުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި ފުލުހުންގެ އެހީތެރިކަމާ އެކު އިންތިހާބު ކާމިޔާބުކަމާއި ސުލްހަވެރިކަމާ އެކު ދާނެ ކަމުގެ ޝައްކަތެ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިން ވަހީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ފުލުހުންނާއި އިލެކްޝަނުން ވެސް އަމަލުކުރަން ޖެހޭ އިންތަކާއި މިންތައް އެނގިގެން ދާނެ ކަމަށެވެ. އަދި ރަށު ތެރޭގެ އަމާން ކަމާއި ސުލްހަވެރިކަން ރައްޔިތުން ވޯޓުލާން ދިއުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނާންނާނެ ގޮތަށް ސަލާމަތީ ކަންތައް ބެލެހެއްޓޭނެ ކަމަށް ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގައި އިންތިހާބާގުޅޭ ލިޔެ ކިޔުމާ ބެހޭ ކަންކަމާއި ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް ބެހެއްޓިފައިވާ ތަންތަނަށް ފުލުހުންގެ ފަރާތުން ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ހުރިހާ ކަމެއް ނިމިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އެންގުމާ ހަމައަށް އެކޮމިޝަންގެ އިދާރާއާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަމިއްލަ ގެކޮޅުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން އެއެއްބަސްވުމުގައި ވޯޓުލުމުގެ އެންމެހައި ކަންކަން ނިމި ނަތީޖާ އިއުލާން ކުރުމާއި ހަމައަށް ކޮމިޝަންގެ މަޝްވަރާގެ މަތިން ފުލުހުންގެ ސެކިއުރިޓީ ފޯރުކޮށްދިނު މަށާއި ވޯޓުނަގާ ދުވަހުގެ ކުރިންނާއި ފަހުން ވެސް ކަމެއް ހިންގާނަމަ އެކަމެއް ހުއްޓުވުމުގައި އެކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.