03 Sep 2013, 13:18
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސެކްރެޓަރީ ޖެނަރަލް ކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ސީއެސްސީ އިން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ކޮމިޝަންގެ ސެކްޓްރީ ޖެނަރަލް ކަމުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މުހައްމަދު ފައިޒަލް އެވެ.
"ސަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކޮމިޝަންގެ މީޑިއާ އޮފިޝަލް އަލީ ނިޒާރު ވިދާޅުވީ މީގެ ކުރިން އެ މަގާމުގައި ހުންނެވީ ސީއެސްސީގެ ޑިރެކްޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި މުސްތަފާ ލުތްފީ އެވެ. އަދި އޭނާ ސެކްޓްރީ ޖެނަރަލްގެ މަގާމުގައި ހުންނެވީ ވަގުތީ ގޮތުން ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ސީއެސްސީގެ ސެކްޓްރީ ޖެނަރަލް ކަމުގެ މަގާމަށް ފައިޒަލް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ ޑިރެކްޓާ އޮގް ޕާފޯމެންސް އޮސިރަގު މަގާމުގަ އެވެ. އަދި އޭނާ އެންމެ ފުރަތަމަ ސަރުކާރުގައި މަސައްކަތް ކުރެއްވީ ރައީސް އޮފީގެ ރިސާޗް އޮފިސާ ޓްރޭނީއެއްގެ ވަޒީފާ އެވެ.