03 Sep 2013, 12:56
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ބޭނުންވާ ވެލި ހޯދަން މާލެ ކައިރި ދެ ސަރަހައްދެއް ސާވޭކުރަން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ދެވަނަ ފިޔަވަހި ހިއްކަން ބޭނުންވާ ވެލި ހޯދުމަށް ސާވޭ ކުރަމުން އަންނަނީ ތިލަފުށި ކައިރި އާއި މާލެއިން އުތުރުގެ ސަރަހައްދެއް ކަމަށެވެ.
"ވެލި ހޯދުމަށް އަޅުގަނޑުމެން ވާނެ ދެ ސަރަހައްދެއް އީއައިއޭ ހަދާފައި. މިހާރު މި ބަލަނީ އެ ސަރަހައްދުގައި ބޭނުންވާ ވަރަށް ވެލި ހުރިތޯ. އޭގެ ފަހުން ކޮންޓްރެކްޓްގައި ސޮއިކުރެވޭނީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ފުރަތަމަ ފިޔަވަހި ހިއްކީ މި ސަރަހައްދުގެ ފަޅު ތެރެއިން ވެލި ނަގައިގެން."
ޝާހިދު ވިދާޅުވީ ވެލި ހޯދުމަށް ކުރަމުން އަންނަ ސާވޭ ކުރިޔަށް އޮތް 15 ވަރަކަށް ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
"ކޮންޓްރެކްޓްގައި ސޮއިކުރެވުމާ އެކު ޑްރެޖަރު ރާއްޖެ އައިސް މަސައްކަތް ފަށާނެ. އަދި ކަނޑައަޅާ މުއްދަތަށް މަސައްކަތް ވެސް ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަށް ހަވާލުކުރަން ނިންމާފައި ވަނީ ފުރަތަމަ ފިޔަވަހި ވެސް ހިއްކި ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް އެވެ. އަދި އެ މަސައްކަތަށް 59 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
އެޗްޑީސީން ބުނީ ޑްރެޖިން އިންޓަނޭޝަނަލް އިން ހުށަހަޅާފައި ވަނީ 240 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި ތޮށިލާ ނިންމުމަށް ކަމަށެވެ.