ޏ. ފުވައްމުލަކު ރަސް އައިން ނަމަކަށް ކިޔާ ދޯންޏެއް ގދ. އަތޮޅުގެ ފަރަކަށް އަރައިފި އެވެ.

ގދ. ފަރެސް މާތޮޑާ ކައިރީގައި އޮންނަ ފަރަކަށް އެ ދޯނި އެރީ ރޭ މެންދަމުން އަލި ތިނެއް ޖަހާ އެހާކަށްހާ އިރު ކަމަށް ދޯނީގެ ވެރިމީހާ އިބުރާހިމް އަސްއަދު ބުންޏެވެ.

ފައިބަރުން ބަނދެފައިވާ 50 ފޫޓް ދިގު "ރަސްއައިން" ދޯނި ފަރަށް އެރި ވަގުތުން ފެށިގެން ދޯނި ފުންކުރެވޭތޯ ދޯނީގައި ތިބި ނުވަ ފަޅުވެރިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިބުރާހީމް ބުންޏެވެ.

އޭނާ ބުނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް)ގެ ކޯސްޓްގާޑްގެ އެހީތެރިކަން މިހާރު ލިބިފައިވާ ކަމަށާއި ފުލުހުންގެ އެހީވެސް ވަރަށް އަވަހަށް ލިބޭނެކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ދޯނި އޮތީ ފަރުމައްޗަށް ވަރަށް ބޮޑަށް އަރާފައި ކަމަށް ވާތީ އާއްމުންގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"ފަރުމައްޗަށް ވަރަށް ބޮޑަށް އަރާފައި ދޯނި އޮތީ. ފަޅުވެރިން އަންނަނީ ފުންކުރެވޭތޯ މަސައްކަތް ކުރަމުން. ކޯސްޓްގާޑްގެ އެހީތެރިކަން މިހާރު ލިބިއްޖެ. ފުލުހުންގެ އެހީތެރިކަން ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް ބުނީ. އެހެން ނަމަވެސް މިކަމުގައި އާއްމުންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ބޭނުން،" ސަންއާ ވާހަކަ ދައްކަމުން އިބުރާހީމް ބުންޏެވެ.

އޭނާ ބުނީ ދޯނި ފަރަށް އެރި އިރުވެސް، އަދި މިހާރު ވެސް އެސަރަހައްދުގެ މޫސުން ރަނގަޅު ކަމަށެވެ. ދޯނި ފަރަށް އަރަން މެދުވެރިވީ ކިހިނެތް ކަމެއް އަދި ނޭނގޭ ކަމަށާއި އެކަން އޮޅުން ފިލުވަން އަދި ނުވެސް އުޅޭ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކާ އަދި ނޫޅެން، އަދި މިއުޅެނީ ދޯނި ސަލާމަތް ކުރެވޭތޯ،" އިބްރާހީމް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ރަސްއައިން ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބިގެން އެދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެދޯނީގައި ހުސް ފީފާ ބަނދެ ފުންކުރުމަށް ތައްޔާރުކޮށް، ދިޔަވަރު ބޮޑުވަންދެން މަޑުކޮށްގެން ތިބި ކަމަށް އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން މޭޖަރް ހުސައިން އަލީ ވިދާޅުވި އެވެ.

"ކޯސްޓްގާޑްގެ އިސްކަންދަރު ލޯންޗް ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުން، ދޯނީގައި މިހާރު ވަނީ ހުސް ފީފާ ބަނދެފައި، ދިޔަވަރު ހިކިފައި އޮތީމައި މަޑުކޮށްލައިގެން ތިބީ،" މޭޖަރް ހުސައިން ވިދާޅުވި އެވެ.