ދިވެހި ރާއްޖޭގެ އާ ގާނޫނީ އޮނިގަނޑާމެދު ދިވެހިންގެ ހޭލުންތެރިކަން ވަރަށް ކުޑަ ކަމަށް ޔޫއެންޑީޕީން ބުނެފި އެވެ.   


ޔޫއެންޑީޕީގެ "އެކްސެސް ޓް ޖަސްޓިސް" އިން މޯލްޑިވިސް (އޭޖޭއެމް) ޕްރޮޖެކްޓްގެ މެނޭޖަރު ނާޒް އައިމިނަތު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ޔޫއެންޑީޕީން މި އަހަރު ރާއްޖޭގައި ކުރި ސާވޭއިން އެނގެނީ "ޤާނޫނީ ކަންކަމާ މެދު ދިވެހިންގެ ހޭލުންތެރިކަން ވަރަށް ވެސް ކުޑަ" ކަމަށް ކަމަށެވެ.


"ސާވޭ ހެދި އިރު ރާއްޖެތެރޭގެ ހުރިހާ އަތޮޅުތަކަށް ދިޔައިރު އިސްތިއުނާފަކީ ކޮން އެއްޗެއްހޭ އަހައިލުމުން އެއީ ކޯންޗެއްކަން ނޭނގޭ އެތައް ބަޔަކާ އަޅުގަނޑުމެންނާ ދިމާވި. ލީގަލް (ގާނޫނީ) ސިސްޓަމާ ބެހޭ ގޮތުން އަސްލު ދިވެހިންނަކަށް ނެތެއްނު ކިޔައިދީފައެއް،" އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅވީ ދިވެހިންނަށް ޑިމޮކްރަސީއަކީ އަދިވެސް ވަރަށް އާ އެއްޗެއް ކަމަށް ސާވޭން ފާހަގަ ކުރެވުނު ކަމަށެވެ


ޔޫއެންޑީޕީގެ ސާވޭގެ ފައިނަލް ރިޕޯޓު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ޖެނުއަރީ ފަހުކޮޅު އެވެ.


ނާޒް ވިދާޅުވީ އޭޖޭއެމް ޕޮރޮޖެކްޓްގެ ދަށުން މި މަހު 26ގައި  "ޑިޑް ޔޫ ނޯ؟" (ކަލޭ އަށް އެނގޭތަ) މި ނަމުގައި މާލޭގައި ކެމްޕޭނެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކެންޕޭނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ރާއްޖޭގެ ޤާނޫނީ އޮނިގަނޑާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ ކަމަށެވެ. މީގެ  އިތުރުން ބައެއް މިނިވަން މުއައްސަސާތަކާ ބެހޭ މައުލޫމާތު ފޯރު ކޮށްދިނުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.  


"ވިލިމާލެ އާއި ހުޅުމާލޭގެ ހުރިހާ ގެއަކަށް ގޮސް މައުލޫމާތު ދޭގޮތަށް ހަމަޖެހިފައި ވަނީ. ހުރިހާ ގެއަކަށް ގޮސް ބޭސިކް އިންފޮމޭޝަން [އަސާސީ މައުލޫމާތު]ތައް ދޭގޮތަށް ހަމަޖެހިފައި ވަނީ. ގިނަ ބަޔަކަށް ނޭނގޭ ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓަކީ ސްޕްރީމް ކޯޓުކަން ވެސް. ދެން އޭގައި ހުންނާނެ ބައެއް އިންސްޓިޓިއުޝަންތަކާ ގުޅޭ މައުލޫމާތު ވެސް،"  އޭނާ ވިދާޅުވި އެވެ.


"ޑިޑް ޔޫ ނޯ؟" ކެންޕެއިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެ ދުވަހު ހަވީރުން ރޭގަނޑު 11:00 އަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގައި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ބޮޑެތި މީހުންނާއި ބިދޭސީންނަށް ހާއްސަ ޕްރޮގުރާމްތަކެއް ގެންދިއުމަށް ޔޫއެންޑީޕީން ރާވާފައިވެ އެވެ.


ކެންޕޭނުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، ކޯޓްތަކުގެ ފަނޑިޔާރުންނާއި، އަމިއްލަ މުއައްސަސާ ތަކުގެ މެންބަރުންނާއި، ޔޫއެންޑީޕީގެ މެންބަރުންނާއި ބައެއް ވޮލެންޓިއަރުން މަސައްކަތް ކުރާނެކަމަށް ނާޒް ވިދާޅުވި އެވެ.