ކ. ގުރައިދޫ ސްކޫލް ދޮރު ކުރިމަތީގައި ވަޅުލާފައި އޮތް "ސިހުރު ކިހާކެއް"، އެ ރަށު ބަޔަކު ހޯދުމުން، ފުލުހުންގެ ބެލުމުގެ ދަށަށް އޭތި ގެންގޮސްފި އެވެ.

އަރަބި ބަސްތަކެއް ލިޔެ ކަނޑާ ނަގާފައިވާ "ނުލުރުކު ކިހާކެއް" ވަޅުލާފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ސްކޫލް ދޮށަށް ދަރިވަރުން ގޮވައިގެން ދިޔަ ބެލެނެވެރިންތަކަކަށެވެ. ސްކޫލް ދޮރުމަތީގައި އޭތި ވަޅުލާފައި އޮތްކަން އެނގުނީ ބިންގަނޑު ކޮނެ، އެއްޗެއް ވަޅުލާފައި އޮތްކަން އެނގޭ ގޮތަށް ފަސްގަނޑު ހުރުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ސިހުރު ހަދާފައިވާ ކަމަށް ބެލެވޭ، އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ފުހުލުންގެ އޮފިޝަލް ނުދެއްވި އެވެ.

ގުރައިދޫ ކައުންސިލް މެންބަރު އަބްދުއްލަތީފު އަހުމަދު ވިދާޅުވީ ސްކޫލް ކުރިމަތީގައި "ސިހުރު ކިހާކެއް" ރޭ ވަޅުލައިފައި އޮއްވާ މިއަދު ހެނދުނު ފެނިގެން އުޅުނު ކަމަށާއި އެ ކަމަކީ ބަޔަކު "މަޖަލަކަށް، ޖެއްސުން ކުރަން ކުރި ކަމަކަށް ވެދާނެ" ކަމަށެވެ. އަދި އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ހެދި ސިކުރަކަށް ވެސް ވުން އެކަށީގެންވާ ކަމަށް އަބްދުއްލަތީފު ވިދާޅުވި އެވެ.

ގުރައިދޫ ސްކޫލް ކުރިމަތީގައި ވަޅުލާފައި އޮތް "ސިހުރު ކިހާކެއް" މިއަދު ހޯދިއިރު، އެ ސްކޫލުގެ އަންހެން ދަރިވަރުންނަށް ބޯ އަނބުރައި، ދުވަސްމަތިން ހެޔަށް ގޮތްވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. އަދި ސްކޫލަށް ސިހުރެއް ހަދާފައިވާ ކަމަށް ހީކޮށް، ފަންޑިތަވެރިންގެ ބަޔަކު ލައްވައި ސްކޫލް ހޯދިއިރު، ސްކޫލަށް ސިހުރު ހަދާފައިވާ ކަމަށް ބުނާ އެއްޗެހިތަކެއް ދުވަސްކޮޅެއް ކުރިން ފެނުނު ކަމަށް ކައުންސިލުން ބުންޏެވެ.