03 Sep 2013, 12:47
ރެއާލް މެޑްރިޑަށް ކުޅެމުން ދިޔަ ޖަރުމަންގެ ހުނަރުވެރި މިޑްފީލްޑަރު މީސެޓް އޮޒިލް ރެއާލް ދޫކޮށް އިނގިރޭސި ކުލަބު އާސެނަލްއަށް ބަދަލުވެއްޖެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޮޒިލް އާސެނަލްއާ ގުޅިގައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 42.5 މިލިއަން ޕައުންޑަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން އޮޒިލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ.
އުމުރުން 24 އަހަރުގެ އޮޒިލް އާސެނަލްއާއި ގުޅުމަށްފަހު މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ، ރެއާލްގައި ހޭދަ ކުރެވުނު ދުވަސްތަކަކީ ފުޓްބޯޅައިގެ ހަޔާތުގައި ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވުނު އަހަރު ތަކެއް ކަމަށާއި އާސެނަލްއާ ގުޅުނީ ވެސް އެކުލަބަށް ރަނގަޅު ކާމިޔާބީއެއް ހޯދާދިނުމުގެ އުންމީދުގައި ކަމަށެވެ.
"އަހަރެންނަށް ތިން ޓީމަކުން ވަރަށް އޮފާ ކުރި. އެކަމަކު އަހަރެން އާސެނަލް އިހްތިޔާރު ކުރީ ވަރަށް ވިސްނުމަށްފަހު. އަހަރެން މިހިރީ އާސެނަލްއާއެކު ކާމިޔާބީ ހޯދުމަށް ތައްޔާރަށް،" ޖަރުމަނުގެ ގައުމީ ޓީމަށް 47 މެޗު ކުޅެދީފައިވާ އޮޒިލް ބުންޏެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ، ޓްރާންސްފާ ބާޒާރު ރޭ ބަންދުވިއިރު އޮޒިލް ކަހަލަ މޮޅު އަދި އެހާމެ ތަޖުރިބާ ކުޅުންތެރިއަކު އާސެނަލްއަށް ގެނައުން ވެގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ކަމަށާއި އޮޒިލް އާއެކު އާސެނަލްއަށް ކާމިޔާބީތައް ހޯދިދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.