03 Sep 2013, 12:44
ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ލިބުނު ފަސޭހަތަކާ އެއްވަރަށް މަސައްކަތް ވެސް ވަނީ ބުރަވެފަ އެވެ. މަސައްކަތް ކުރަން ޖެހޭ ވަގުތު ވެސްވީ އިތުރެވެ. ނަތީޖާއަކީ ހާސްކަން ބޮޑުވެ، އެކަން ބައްޔަކަށް ވެގެން ބޭސްކުރަން ޖެހޭ މީހުން އިތުރުވުމެވެ.
ކުރިއަރާފައިވާ ގައުމެއް ކަމަށް އިނގިރޭސިވިލާތުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހާސްކަން ނުވަތަ "ޑިޕްރެޝަން" އަށް އެގައުމުގައި އަހަރަކު 50 މިލިޔަން މީހުން ބޭސް ކައެވެ. ހާސްކަން އިތުރުވުމަށް މެދުވެރިވާ ގިނަ ގުނަ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ހަމަ ނިދި ނުލިބުމެވެ.
ހަމަ ނިދި ނުލިބުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށް ޔޫރަޕާއި އެމެރިކާގައި ގިނަ ދިރާސާތައް ވަނީ ކޮށްފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގައި މިދާކަށް ދުވަހު ކުރި ދިރާސާއަކުން އެނގިފައި ވަނީ ޓެކްނޮލޮޖީގެ ސަބަބުން މީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބައެއް ބަދަލަކީ ހަމަ ނިދި ލިބުމަށް ހުރަސް އެޅޭ ކަންތައްތައް ކަމެވެ. އެގޮތުން ޓީވީ ހުޅުވައިގެން ނިދަން ތިބުމަކީ ނިދިން ލިބޭ އަރާމު ކުޑަކޮށް، ހާސް ކަމަށް މަގުފަހިކުރުވާ ކަމެއްކަން ވަނީ އެނގިފަ އެވެ.
ޑރ.ގައި މީޑޯސް ވިދާޅުވާ ގޮތުގައި ޓީވީއާއި ކޮމްޕިއުޓަރު ފަދަ ތަކެތިން އަންނަ ފަނޑު އަލި އެޅިފައި ހުންނަ ތަނެއްގައި ނިދުމަކީ މީހުންގެ މޫޑަށް އޭގެ އަސަރުކުރާ ކަމެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ ސްލީޕް ސްކޫލްގެ ކްލިނިކަލް ޑައިރެކްޓަރެވެ.
"އަހަރެމެން އުފައްދަވާފައި ވަނީ އަނދިރީގައި ނިދާގޮތަށް، އިރު އަރުމުން އަހަރެމެންގެ ލޮލުގެ ރެޓީނާގެ ފަހަތުގައިވާ އަލި ލިބިގަންނަ ނާރުތައް އަހަރެމެންނަށް ބުނެދޭ ހޭލަންވީ ގަޑި ޖެހިއްޖެކަން، އެނާރުތައް އެކަން ބުނެދެނީ ނިދިއައުމަށް މެދުވެރިވާ މެލެޓޮނިން ނަމަކަށް ކިޔާ ހޯމޯން ބޭރުކުރުން ހުއްޓުވައިގެން، ރޭގަނޑު ކަންތައް ވަނީ މީގެ އިދިކޮޅަށް، އެހެންވީމާ އަހަރެމެންގެ މޫޑު ރަނގަޅު މަގުގައި ހުރުމަށް ނިދާ ވަގުތު އަލިމަޑުކުރުން މުހިއްމު،" ޑރ.ގައި ވިދާޅުވި ކަމަށް ޑެއިލީމެއިލް ނޫހުގައިވެ އެވެ.
ޑރ. ގައި ވިދާޅުވެފައި ވަނީ ޓީވީއަކުން އަންނަ އަލި ކޮޓަރި ތެރޭގައި ހުންނަ ނަމަ ނިދުމާއި ގުޅިފައިވާ ހޯމޯން އަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަމަ ނިދި ނުލިބޭނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން މޫޑް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ފަނޑު ނަމަވެސް، އަލި ތަކުގެ ތެރޭގައި ނިދާ މީހުންގެ ފަރާތުން ހާސްކަން "ޑިޕްރެޝަން"ގެ އަސަރުތައް އެނޫން މީހުންނަށް ވުރެ ގިނައިން ފެންނަ ކަން އެމެރިކާގެ އޮހިއޯ ސްޓޭޓް ޔުނިވަސިޓީން ކުރި ދިރާސާއަކުން ވެސް ވަނީ އެނގިފަ އެވެ.