03 Sep 2013, 12:26
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ގދ. އަތޮޅު އޮފީސް މެދުވެރިކޮށް ދަތުރުތައް ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ގދ. އަތޮޅު އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުއްޝާމިން އަބްދުއްސައްތާރުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގދ. އަތޮޅު އޮފީސް މެދުވެރިކޮށް ކުރި ލޯންޗު ދަތުރުތައް ކުރީ ޝާމިންގެ ބެލުމުގެ ދަށުންކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ގދ. ތިނަދޫގައި ލޯންޗު އޮޕަރޭޓްކުރާ ފަރާތެއް ކަމަށްވާ "ޖުޕިޓާ" ނަމަކަށް ކިޔާ ލޯންޗުން އިންތިޚާބާ ގުޅިގެން ކުރި ދަތުރުތަކަށް ހުށަހެޅި ކޯޓޭޝަންތަކާއި އިންވޮއިސްތައް ތައްޔާރުކޮށްފައި ވަނީ ގދ. އަތޮޅު އޮފީހުގައި ޝާމިން މަސައްކަތް ކުރުމަށް ދީފައިވާ ކޮމްޕިއުޓަރު ބޭނުންކޮށްގެން ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.
އެ ލޯންޗުގެ ނަމުގައި ހުށަހަޅާ ކޯޓޭޝަންތައް ތައްޔާރުކޮށް ދެނީ ޝާމިން ކަމަށް ލޯންޗު އޮޕަރޭޓްކުރާ ފަރާތުން ތަހުގީގުގައި ބުނެފައިވާ ކަމަށާއި 2008 ވަނަ އަހަރަގެ ރިޔާސީ އިންތިޚާބަށް ގދ. އަތޮޅު އޮފީސް މެދުވެރިކޮށް ދަތުރުކުރުމަށް ލޯންޗުތައް ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝާމިންއާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދަތުރުތައް ކުރި އިރު ޖުޕިޓާ ލޯންޗު ފިޔައި އެހެން އެއްވެސް ލޯންޗަކުން ކޯޓޭޝަން ނުހޯދައި ދަތުރުކޮށްފައިވާކަން ތަހުގީގަށް އެނގެން އޮންނާތީ އެކަމަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.