03 Sep 2013, 12:12
ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ލަންކާ ކުޅުނު ފުރަތަމަ މެޗުން އިއްޔެ ރާއްޖެއަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުން އެކަމުގެ ހުރިހާ ޒިންމާއެއް ނަގާ ކަމަށް ލަންކާގެ ކޯޗު ކްލައުޑިއޯ ރޮބާޓޯ ބުނެފި އެވެ.
ސަރަހައްދީ އެންމެ ވާދަވެރި ފުޓްބޯޅަ މުބާރާތުގައި އިއްޔެ ލަންކާއާ ވާދަވެރި ދިވެހިރާއްޖެ އަތުން އެޓީމް ބަލިވެފައިވަނީ 10-0 ލަނޑުންނެވެ. އަދި މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ގައުމެއް މިހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.
"ހުރިހާ ކަމެއް ދިޔައީ ގޯހުން ގޯހަށް. އަހަރެން އެހުރިހާ ކަމެއްގެ ޒިންމާ ނަގަން،" ލަންކާގެ ބްރެޒިލް ކޯޗު ބުންޏެވެ. "މެޗުގެ ކުރީ ކޮޅު އިދިކޮޅު ޓީމުން ލަނޑެއް ކާމިޔާބު ކޮށްފި. އަދި އޭގެ އިރުކޮޅެއް ފަހުން ގޯލްކީޕަރަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފި.އެހިސާބުން ކުޅުންތެރިންގެ މެދުގައި ހިތްހަމަ ނުޖެހުންތައް އުފެދުނު. އެކަމަކު އަހަރެން އެހުރިހާ ކަމެއްގެ ޒިންމާ ނަގަން."
ރޮބާޓޯ ބުނީ، ރާއްޖެ އަތުން ބަލިވި ނަމަވެސް މުބާރާތް އަދި ނިމުނީ ނޫން ކަމަށާއި އެޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.
"އަހަރެމެންނަށް ކުރިއަށް އަދި ދެމެޗު އެބަ އޮތް. އެހެންވީ މި މެޗުގައި ހެދުނު ގޯސްތައް އަހަރެމެން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކަށް ތައްޔާރު ވާނަން،" ލަންކާ ކޯޗު ބުންޏެވެ.
ގްރޫޕް ސްޓޭޖްގައި ލަންކާ ދެން ކުޅޭ މެޗުގައި ވާދަކުރަން ޖެހޭނީ ފީފާ ރޭންކިންގައި މިސަރަހައްދުގެ އެންމެ ކުރީގައި އޮތް އަފްޣާނިސްތާނާ އެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ، ރާއްޖޭ ގަޑިން މާދަމާ މެންދުރު ފަހު 2:45ގަ އެވެ.
×